ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފައި. އަދި ސަރުކާރުން މިހާރު ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެޅި ފަދަ ފިޔަވަޅުތަކެއް އަޅަން މަޝްވަރާކޮށްފައި. ނަމަވެސް އެކަމާ މެދު ގޮތެއް ނުނިންމާ.

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ދަންވަރު 11 ން ފަތިހު 4އަށް ވެހިކަލް މަނާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކޭސްތައް އިތުރު ވަމުންދާތީ އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރުމަށް އިއްޔެ އާއި މިއަދު ބޭއްވި ބައްދަލުވުމަށް ހުށަހެޅީ އޮފީސްތައް ބަންދުކުރަން ހުށަހެޅި އެވެ.

މި ބައްދަލުވުމުގައި ޓެކްނިކަލް އެވައިޒަރީ ގްރޫޕް (ޓެގް)އިން ހުށަހެޅީ މާލެ ސަރަހައްދުގައި ރޭގަނޑު ވަގުތު ވެހިކަލް ދުއްވުން މަނާ ކުރުމަށެވެ. ނަމަވެސް އެކަމާމެދު ސަރުކާރުން ގޮތެއް ނުނިންމަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އަދިވެސް ދަނީ އެކަމާ މެދު މަޝްވަރާކުރަމުންނެވެ. ނަމަވެސް ޑޮކްޓަރުންގެ ޓީމުން ހުށަހެޅި ގޮތަށް އަދިވެސް މުޅިން ވެސް އެއްބަހެއް ނުވެ އެވެ.

އެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ސަރުކާރުން ހުށަހެޅީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކުރުމަށެވެ. ނަމަވެސް ރޯދަ މަހަށްވުމުން ނަމާދަށް ދާ މީހުންނަށް ދަތިތަކެއް ހުންނާނެ ކަމަށް ފެންނާތީ އެ ގަޑިތަކުގައި ކާފިއު އިއުލާނު ކުރުމަށް ވެސް ބައެއް މީހުން ދެކޮޅު ހެދި އެވެ.

އެ ބައްދަލުވުމުގައި ފަހުން މަޝްވަރާ ކުރީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ކާފިއު އިއުލާނު ކުރުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ވަނީ އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝައިރުކުރި އިއުލާނުގައި ބުނީ، އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މި މަހު ހަތަރު ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް، މާލެ ސަރަޙައްދު (މާލެއާއި،ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި) ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުން މަނާވާނެ ކަމަށެވެ.

އިއްޔެ ވެސް 508 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 30،745 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 5،594 ގައި މިހާރު ހުރިއިރު 25،068 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.