ހިމާލިޔާ ފަރުބަދަތަކުގެ ސަރަހައްދުން ގްލޭޝިއާއެއް ވެއްޓި، ނޭޕާލާއި ޓިބެޓު ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ނުރައްކާތެރި ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ) މެދުވެރިކޮށް ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ކާރިސާގައި ގެއްލުންވި މީހުންނަށް އެހީތެރިވުމަށްޓަކައި "އެމްއާރުސީ ނޭޕާލް ސޮލިޑަރިޓީ ފަންޑް"ގެ ނަމުގައި ހާއްސަ ފަންޑެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. މި ފަންޑަށް އެހީވުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވިފައި ހުންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެމްއާރްސީގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި ކާރިސާގެ ސަބަބުން ގާތްގަނޑަކަށް 93،000 އެއްހާ މީހުންނަށް ވަނީ ސީދާ އަސަރުކޮށް، ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ނިމިދިޔަ ބުދަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ފެންބޮޑުވެ، ބޮޑެތި ހިލަތަކާއި ގަނޑުފެނުގެ އިތުރުން ކިސަޑުތައް އެކުވެގެން އައި ބާރުގަދަ އޮއިވަރުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއާއި ޓިބެޓުގެ ލާސާ ގުޅުވައިދޭ މައި މަގުތަކާއި ބްރިޖުތަކުގެ އިތުރުން، އެ ސަރަހައްދުގެ ކަރަންޓު އުފައްދާ ސްޓޭޝަންތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ މި މަގުން ދަތުރުކުރި ގިނަ ބަޔަކު ގެއްލިފައިވާއިރު، އޭގެ ތެރޭގައި މަދުވެގެން 540 ބިދޭސީން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކާރިސާގައި ޗައިނާގެ ފަޅިން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޓިބެޓުގެ ގިޔަރޮންގް ކައުންޓީއަށެވެ. އެ ސަރަހައްދުން ވެސް 558 މީހުން ގެއްލިފައިވާ ކަމަށާއި، އޭގެ ތެރޭގައި 260 ބިދޭސީން ހިމެނޭ ކަމަށް ޗައިނާގެ ސީސީޓީވީން ވަނީ ހާމަކޮށްފަ އެވެ.
ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން އިންޒާރުދޭ ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބޯޓެކޯޝީ ކޯރު ބަންދުވެ، އުފެދެމުންދާ ފެންގަނޑު ދަނީ އިތުރަށް ބޮޑުވަމުންނެވެ. އަދި އެ ފެންގަނޑު ފަޅައިގެން ގޮސް، އިތުރު ސަރަހައްދުތަކަކަށް ފެންބޮޑުވުމުގެ ބޮޑު ނުރައްކަލެއް އޮތް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ނޭޕާލުގެ އަޚުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ އެދިފަ އެވެ.
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި މީހުން ޖަލަށްލުމަށް ހުކުމްކޮށްފި
ހިމަލަޔަން ސަރަހައްދުގައި އަނެއްކާވެސް ފެންބޮޑުވުމުގެ އިންޒާރު
ތިލަފުށީ އާ ޕޯޓުގެ އިމާރާތްތައް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ