މިއަދު ފެށުމަށް ނިންމާފައިވާ އީރާނާ އެމެރިކާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ އިސް ވަފުދު ޕާކިސްތާނަށް ގޮސްފި އެވެ.
އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެވެ. އަރިހުގައި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި ޕާކިސްތާނުން ދަނީ އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. ޕާކިސްތާނަކީ އީރާނާއެކު ތާރީޚީ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ އާސިމް މުނީރަކީ އެހެން ގިނަ ބޭފުޅުންނަށްވުރެ ބޮޑަށް އީރާނުގެ ކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން ވަނީ 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް އެމެރިކާއަށް ހުށަހަޅާފަ އެވެ. އޭނާ އެ ހުށަހެޅުން ސިފަކުރެއްވީ މަޝްވަރާކޮށްގެން ކުރިއަށް ދެވޭނެ ފަދަ ހަރުދަނާ އަސާސެއްގެ ގޮތުގަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވެސް ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއްގެ ވާހަކަ ދައްކަވާފައެވެ. ޓްރަމްޕްގެ އިސް މަންދޫބުން ވިދާޅުވާ ގޮތުގައި މި ހުށަހެޅުމަކީ މި ހަމަނުޖެހުންތައް ނިމުމަކަށް ގެނެވިދާނެ ފަދަ ހުށަހެޅުމެކެވެ.
މި ދެ ހުށަހެޅުމުގެ ތަފުސީލުތައް މީޑިއާތަކަށް ތިލަވެފައިވީ ނަމަވެސް، ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ޚަބަރުތައް ބުނާގޮތުގައި މި ދެ ހުށަހެޅުމުގައި ހުރި ކަންކަމަކީ އެއްގަލަކަށް އެރުވުމަށް ދަތި، ވަރަށް ތަފާތު ކަންތައްތަކެކެވެ.
ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށާއި، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އީރާނުން ވަނީ ޝަރުތުކޮށްފަ އެވެ.
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މި ސުލްހައިގެ މަޝްވަރާތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ލުބުނާނުގެ މައްޗަށް ނުހިނގާނެ ކަމަށެވެ. އަދި ބުދަ ދުވަހު އިޒްރޭލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ހުކުރު ދުވަހުގެ ރޭ ލުބުނާނުން ބުނެފައިވަނީ، އަންނަ ހަފުތާގައި ވޮޝިންޓަންގައި އިޒްރޭލާއެކު ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މިހާރު ދަނީ މި މަޝްވަރާތަކުގައި ބައިވެރިވުމަށް އިސްލާމްއާބާދަށް ދަތުރުކުރައްވަމުންނެވެ. އޭނާގެ އަރިހުގައި ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުޝީރު ޖެރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވަ އެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަޑުޖެހޭނެ: އޭޑީބީ
ކާޑިބީގެ ކްރެޑިޓް ކާޑުން 60،000 ޑޮލަރުގެ ވައްކަން ކޮށްފި