ކޮވިޑް-19ގެ ދެވަނަ ރާޅެއް އޭޝިއާގެ އެންމެ ބޮޑު އެއްގައުމު ކަމަށްވާ އިންޑިއާއަށް އެރީ ފާއިތުވެ ދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ވެފައި އޮތުމަށްފަހު ނަމްބަރުތައް މަތިވާން ފެށީ ނޭނގި ތިއްބަ އެވެ.

ސަރުކާރުން އެފަދަ ކާރިސާއެއް ކުރިމަތި ވެދާނެ ކަމަށް ހީވެސް ނުކޮށް ތިއްބަ އެވެ. ސިއްހީ ދާއިރާ އެކަހަލަ ހާލަތަކަށް ތައްޔާރު ނުވެ ތިއްބަ އެވެ. ކުރުކޮށް ދަންނަވާނަމަ ކޮވިޑްގެ ދެވަނަ ރާޅު ވީ އިންޑިއާގެ ސަރުކާރުން އެބަލިމަޑުކަން އެހާ މުހިއްމު ކަމެއްގެ ގޮތުގައި ނުދެކި އެކަށީގެންވާ ތައްޔާރީތައް ވަގުތު އޮއްވާ ނުކޮށް އޮއްވާ ކުރިމަތިވި ކަމަކަށެވެ.

ނަތީޖާއަކަށްވީ އެގައުމުގެ ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް ބަލި ފެތުރުމެވެ. ކޭސްތައް އިތުރުވެ ހޮސްޕިޓަލުތަކުގައި އެނދު މަދުވުމެވެ. އޮކްސިޖަން އާއި އެނޫންވެސް ސިއްހީ ވަސީލަތްތައް ހުސްވުމެވެ. އެކަށީގެންވާ ފަރުވާ ނުދެވި ގިނަ ބަޔަކު މަރުވާން ދޫކޮށްލަން ޖެހުމެވެ. ޑޮކްޓަރުންނާއި ނަރުހުން މަދުވެ އިންސާނީ ވަސީލަތްތަކަށްވެސް ޖެހުމެވެ. ތެދަށް ދަންނަވާނަމަ ކޮވިޑް-19ގެ ދެވަނަ ރާޅަކަށް ތައްޔާރު ނުވެ ތިބުންވީ އިންޑިއާގެ ސިއްހީ ދާއިރާ ނޭވާ ހޮޅިއަށް އެޅުނު ކަމަކަށެވެ.

މިއަދު އެ ގައުމުގެ ހޮސްޕިޓަލްތަކުން ފެންނަނީ ހިތް ފަޅައިގެން ދާ ވަރުގެ މަންޒަރުތަކެވެ. ކޮވިޑް ޖެހި ހަބަރު ހުސްވެފައިވާ މައިންބަފައިން އަތްދަނޑި މައްޗަށް ލައިގެން ހިނގާ ދަރިންނެވެ. ސިއްހީ އެހީތެރިކަމަށް އެދި ރޯ ރުއިމެވެ. ހުއްޓުމެއްނެތި ހޮސްޕިޓަލަށް ގެނެވޭ ބަލިމީހުންނަށް ފަރުވާ ދެވޭތޯ 24 ގަޑިއިރު މެދުކެނޑުމެއްނެތި ހޭބޯނާރާ އުޅޭ ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތެވެ. އެ މީހުންގެ ހިތްވަރެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތް މިންވަރަކީ އެ ބައްޔަށް ފަރުވާ ދިނުމުގައި އުޅޭ ޒުވާން ޑޮކްޓަރުންގެ ހިތްވަރު އެލި އަމިއްލައަށް މަރުވުމެވެ. އެހީތެރިކަމެއް ނުދެވި ލޯކުރިމަތީގައި ގިނަ ބަލިމީހުންތަކެއް ދުނިޔެ ދޫކޮށް ދާއިރު ސިއްހީ އެހީތެރިންނަށް ކުރާ ނަފްސާނީ އަސަރުތަކަކީ ތަސައްވަރު ކުރަން އުނދަގޫ އަސަރު ތަކެކެވެ. އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް އުޅެން ޖެހިފައިވުމާއެކު ގިނަ ޑޮކްޓަރުންނާއި ނަރުހުން ވަނީ ޑިޕްރެޝަން އަށް ހުށައެޅިފަ އެވެ.

އިންޑިއާގެ ޑޮކްޓަރެއް ހިދުމަތުގައި

އެގައުމުގައި ކޮވިޑްގެ ހާލަތު މިގޮތަށް ގިނަ ދުވަސްތަކަކަށް ދެމި އޮވެއްޖެނަމަ ޑޮކްޓަރުންނާއި ނަރުހުންނަށް ކުރާ ނަފުސާނީ އަސަރުތައް އިތުރުވެ ހިތާމަވެރި ހާދިސާތައް ގިނަވުމަކީ މި ވަގުތު އެ ގައުމުގައި އޮތް ބޮޑު ބިރެކެވެ. ހާލަތުން އަރައިގަންނަން މަދަދުދާރުންގެ ގޮތުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލުމަކީ މިވަގުތު އިންޑިއާ އަށް ކުރިމަތި ވާނެ ގޮންޖެހުމަކަށް ނޫނީ ނުވާނެ އެވެ.

ކީރިތިވަންތަ ﷲ އަވަށްޓެރި އިންޑިއާއަށް ރަޙުމަތް ލައްވާށި އެވެ. ހާލަތުން އަރައިގަނެ ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި ސަރުކާރުގެ އިސްވެރިންނަށް ހެޔޮ ވިސްނުން ދެއްވާށި އެވެ. ބަލިމީހުންނަށް ހިދުމަތް ކުރުމުގައި ރެއާ ދުވާލު މެދުކެނޑުމެއް ނެތި މަސައްކަތް ކުރާ ސިއްހީ އެހީތެރިންގެ މަސައްކަތުގައި ބަރަކާތް ލައްވާށި އެވެ. މި މުސީބާތުން އަރައިގަތުމަށް ހިތްވަރު ދެއްވައި އެބައިމީހުންގެ ފައިތިލަތައް ސާބިތު ކުރައްވާށި އެވެ. އާމީން!