ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު ހަދާފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކޮށްފި އެވެ.

އެ އެއްބަސްވުން ސަރުކާރުން ބާތިލްކުރަން ނިންމިކަން އެންގީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނެރުނު ބަޔާނެއްގަ އެވެ. ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ.

އޭޖީ އޮފީހުން ބުނީ، އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާތިލްކުރެވިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ އެ މުއްދަތުގެ ތެރޭގައި މުދާ ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން އިއްޔެގެ ވަގުތެއްގައި އެގްޒެކިއުޓާސް ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށް ދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރުކޮށްދީފައެއް ނުވެ އެވެ. އަދި އެއްބަސްވުން ބާތިލް ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައިނުވާނަމަ އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

މިއަދު ނެރުނު އޭޖީ އޮފީހުގެ ބަޔާނުގައި ވާގޮތުން އެގްޒެކިއުޓާސް ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދީފައި ނުވާތީ ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމަށް މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ.

އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންނެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ މިމައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ. ރާއްޖެއއި ޔޫއޭއީ އަކީ ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް ނުވަތަ ނިއުޔޯކް ކޮންވެންޝަންގެ ބައިވެރިންނެވެ. އެ މުއާހަދާގައި 168 ގައުމަކުން ބައިވެރިވެފައިވެ އެވެ. އެއިން ކޮންމެ ގައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުއާހަދާގެ އެހެން މެންބަރު ގައުމެއްގައި ތަންފީޒު ކުރެވޭނެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ )އޮފީހަށް ދެ ފަހަރެއްގެ މަތިން ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން ނިންމީ އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.