ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޮޑެތި އަދަދުތަކުން ބައެއް ކުންފުނިތަކަށް ބަަދަލު ދެމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުހައްގުން އެއްބަސްވުންތަކެއް ބާތިލްކޮށްފައި ވާތީ ކަމަށް މިސަރުކާރުން ބުނާ ވާހަކަތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދޮގުކޮށްފި އެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ސަރުކާރުތަކުން ބާތިލްކުރި ބައެއް އެއްބަސްވުންތަކަށް ބަދަލު ނުދީ ހުންނާނެ ކަމަށެވެ. ބަދަލު ނުދޭން ނިންމީ އެފަދަ މައްސަލަތަކުގައި ދައުލަތުން ބަދަލު ދޭން ޖެހޭނީ ކޯޓުތަކުން ނިންމައިގެން ކަމަށް ގަބޫލުކުރާތީ ކަމަށް ޕީޕީއެމް ސަރުކާރުން ދެކޭތީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަދަލުގެ ގޮތުގައި ދޭ ފައިސާ އަކީ ރައްޔިތުންގެ ފައިސާއަށް ވުމުން، އެގްރީމެންޓް ނުވަތަ ކޮންޓްރެކްޓް ބާތިލްކޮށްގެން ބަދަލު ދޭން ޖެހޭނަމަ، އެ އެގްރީމެންޓެއް ނުވަތަ ކޮންޓްރެކްޓެއް ބާތިލްވެފައި އޮތްގޮތް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ނުނިންމޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ކޯޓުތަކުން ކަމަށެވެ.

"ބަދަލުގެ ގޮތުގައި މިދެނީ ރައްޔިތުންގެ ފައިސާ. ކުރީ ސަރުކާރުގައި ކޮންޓްރެކްޓެއް ބާތިލްކޮށްގެން ބަދަލު ދޭން ޖެހޭ ކަމަށް ވާނަމަ ކޮންޓްރެކްޓެއް ބާތިލްވެފައި އޮތް ގޮތް އެއީ އެޓާނީ ޖެނެރަލް ނިންމަން ޖެހޭ ކަމެއްް ނޫން. ރާއްޖޭގެ ޝަރުއީ މަރުހަލާތަކުން އެކަން ކުރަން ޖެހޭނީ، ހުރިހާ ކޯޓަކުން ނިންމީމާ ބަދަލު ދޭން ޖެހޭ" ޝިޔާމް ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބަދަލު ދިނުމުގައި އުސޫލުތަކެއް ބަދަލު ދިނުމުގައި ވަކި އުސޫލުތަކެއް ހިފަހައްޓަވާ ކަމުގައި އޭޖީ އިބްރާހިމް ރިއްފަތު ވިދާޅުވިޔަސް ބަދަލު ދިނުމުގައި ސަރުކާރުން ވަކި އުސޫލެއް ހަމައެއް ނުގެންގުޅޭ ކަމަކަށެވެ.

ރައީސް އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ވިދާޅުވެފައި ވަނީ ދައުލަތުން ބައެއް ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް އެއްވެސް ސަބަބަކާ ނުލައި ބާތިލްކޮށް، ދައުލަތުން ބައެއް ފަރާތްތަކަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގައި އެފަދަ ނިންމުންތައް ވަރަށް ގިނައިން ނިންމާފައި ހުރި ކަން ވެސް ފާހަގަކުރެއްވި އެވެ.

ޝަރުއީ މަރުހަލާ ނުނިމެނީސް ދައުލަތުން ބައެއް ފަރާތްތަކަށް ބަދަލު ދޭތީ އަމާޒުވާ ފާޑު ކިޔުންތަކާ ގުޅިގެން ވެސް އަހްމަދު ވަނީ އެ ބައްދަލުވުމުގައި ވާހަކަ ދައްކައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ، މީހަކަށް އިންސާފު ލިބެންޖެހޭކަން ސާފުކޮށް ފެންނަން އޮތް މައްސަލައެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން މަޑުކުރުމަކީ ސަރުކާރުން ގަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ.

މި ސަރުކާރުން ބަދަލު ނަގައިދިން ބައެއް ކުންފުނިތައް:

  1. ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް)އިން ބިޒްނަސް އިމޭޖް ގްރޫޕް(ބިގް)އާއެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި ބިގަށް 30 މިލިއަން ރުފިޔާ
  2. ހައުސިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލް ކުުރުމުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު
  3. މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގައި 15 މިލިއަން ރުފިޔާ

އެ ހުރިހާ ކުންފުނިތަކީ ވެސް މިހާރުގެ ސަރުކާރުގެ އިސް ވެރިންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކެވެ.

ސަރުކާރުން ބޮޑެތި އަދަދުތަކުން ބަދަލު ދެމުންދަނީ ރައީސް ސޯލިހު އެކުލަވާލައްވާފައިވާ ސެޓެލްމަންޓް ކޮމެޓީއެއްގެ ނިންމުމުގެ މައްޗަށް ބިނާކޮށެވެެ. އެ ކޮމިޓީގެ މިހާރުގެ ރިއްފަތު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިންނަވަ އެވެ.

ސެޓްލްމެންޓް ކޮމިޓީ އުފެއްދީ ބަދަލު ދޭން ޖެހޭ ފަރާތްތަކާއި ދައުލަތުން ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި ދައުލަތަށް ވެސް އެންމެ ފައިދާވާނެ ގޮތަށް ބަދަލުގެ ކަންކަން ހަމަޖެއްސުމުގެ ބޭނުމުގަ އެވެ. އޭރުން އޭރުން ބަދަލުގެ ގޮތުގައި ނަގައިދޭ އަދަދު ކުޑަވެ، އިންސާފު ލިބުން އަވަސްވާ ކަމަށް ސަރުކާރުން ދެކެ އެވެ.

ނަމަވެސް ސެޓެލްމެންޓް ނިންމުންތަށް ބަލައ ނުގަންނަކަން ހާމަކުރައްވާ ޝިޔާމް ވިދާޅުވީ ގެއްލުން ކުޑަކުރުމަށް ވެސް ބޮޑެތި އަދަދުތަކުން ބަދަލު ދޭން ޖެހޭނީ ކޯޓުތަކުން ހުކުމް ކުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ދެނީ ހައްގު ބަދަލެއްތޯ ބަލަން ޖެހޭނެ ކަމަށެވެ.

އިންސާފު ހޯދަން އަވަސްކުރުމުގެ ގޮތުމުގެ ގޮތުން ސެޓްލެމެންޓް ކޮމިޓީން ނިންމީމައި ބޮޑެތި އަދަދުތަކުން ފައިސާ ދޭނަމަ ކޯޓުތަށް ހުރުމުގެ ބޭނުމެއް ނެތްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބަދަލުދޭއިރު ސަރުކާރާގުޅުން އޮންނަ ފަރާތްތަކަށް އިސްކަންދޭތީ ޝިޔާމް ވަނީ ކަންބޮނޑުވުން ފާޅުކޮށްފަ އެވެ. އޭނާ ކަންބޮނޑުވުން ފާޅުކުރީ އާންމު ރައްޔިތުންނަށް ބަދަލު ނަގައިދިނުމަށް ކޯޓުން ނިންމާފައިވާ މައްސަަތަކުގައި ބަދަލު ނުލިބޭތީ އެވެ. އަދި ވިދާޅުވީ ވަކި ބަޔަކަށް އިންސާފު ލިބުމަކީ އިންސާފެއް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ހުރިހާ ކޯޓެއްގައިވެސް ބަދަލު ނަގައިދިނުމުގެ މައްސަލަތައް ހިނގަމުން އެބަދޭ. ދެން ކީއްވެގެންތޯ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަކަށް އެކަނި ބަދަލު ދިނުމުގެ ކަންކަން މިހާ ބާރަށް މިދަނީ. މިއީ އުފައްދަންޖެހޭ ސުވާލު،" އޭނާ ވިދާޅުވި އެވެ.