ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް އަދުލާން ލަތީފެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. މި ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އާދަމް އަދުނާން ލަތީފް ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ ތަހުގީގެއްގެ ތެރެއިންނެވެ. ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވިއްކައިގެން ލިބޭ ފައިސާ އެ ވޮލެޓުން އާދަމް އަދުނާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފޮނުވާފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، އޭގެ ތެރެއިން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ފެނިފައިވެއެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ސީދާ ފެންނަ ވީޑިއޯތައް ވެސް އެ ވަސީލަތްތަކުގައި ހުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. \