މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ އަހަރީ ރިސާޗް ކޮންފަރެންސަށް ދިރާސާ ކަރުދާސްތަކުގެ އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ "އިގްތިސާދީ އަދި ދުނިޔޭގެ ބަދަލުތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯ އިކޮނޮމިކް އަދި މާލީ ހަމަޖެހުން" މި ޝިއާރުގެ ދަށުންނެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާވެރިން އެއްތަންވެ، މިހާރު ކުރިމަތިވަމުންދާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން އާ ދިރާސާތައް ހުށަހަޅައި، އެކަންކަމާ މެދު މަޝްވަރާކުރުމަށް ހުޅުވާލެވޭ މަންސައެކެވެ. މި ކޮންފަރެންސްގެ މަގްސަދަކީ ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުން އަދި އެކަޑަމިކް ބޭފުޅުންގެ މެދުގައި ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިގްތިސާދާ ގުޅުންހުރި މުހިންމު ދިރާސާތައް ކުރުމަށް ހިތްވަރުދީ ބާރުއެޅުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މި އަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ ނުތަނަވަސްކަމުގެ ތެރެއިން، ދިވެހި އިގްތިސާދުގެ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯ އިކޮނޮމިކް އަދި މާލީ ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިއީ ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކަށައެޅުމަށާއި، އިގްތިސާދީ ގޮންޖެހުންތަކަށް ކުރިމަތިލެވޭ ފަދަ، ހުރިހާ ފަންތިއެއް ހިމެނޭ ކުރިއަރާފައިވާ އިގްތިސާދެއް ބިނާކުރުމަށް އެހީތެރިވެދޭނެ ދިރާސާތަކަށް މަގުފަހިކޮށްދޭނެ ފުރުސަތެކެވެ.
ކަރުދާސް ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި މަނިޓަރީ ޕޮލިސީ، އަގުތައް ހިފެހެއްޓުން، މާލީ ދާއިރާގެ ހަމަޖެހުމާއި ގަވާއިދުތައް، އިސްލާމިކް ފައިނޭންސް، މާލީ މުއާމަލާތްތަކުގައި އެންމެން ބައިވެރިކުރުން، ޑިޖިޓަލް ފައިނޭންސް އަދި ޕޭމަންޓް ނިޒާމުތައް، ތިމާވެށީގެ ނުރައްކާތައް، ފިސްކަލް ސަސްޓެއިނަބިލިޓީ، އިގްތިސާދީ އޮނިގަނޑަށް އަންނަ ބަދަލުތައް، ބޯހިޔާވަހިކަމުގެ އިގްތިސާދު، އަދި ސިއްހީ ދާއިރާގެ އިގްތިސާދު ހިމެނެ އެވެ.
މި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނަށާއި، އެކަޑަމިކް ބޭފުޅުންނަށް، މަރުކަޒީ ބޭންކުތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް، ބައިނަލްއަގުވާމީ މުއައްސަސާތަކާއި އަމިއްލަ ސެކްޓަރުގެ ތަޖުރިބާކާރުންނަށް، އަދި ސިޔާސަތުތަކާ ގުޅުންހުރި ދިރާސާކުރާ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ވަނީ ހުޅުވާލާފަ އެވެ.
އެބްސްޓްރެކްޓް ހުށަހަޅަންޖެހޭ އުސޫލުތައް:
- އެބްސްޓްރެކްޓް ހުންނަންވާނީ އިނގިރޭސި ބަހުން، މައިކްރޯސޮފްޓް ވޯޑް ފޯމެޓުގަ އެވެ.
- ދިގުމިނުގައި ހުންނަންވާނީ 150 އާއި 250 ބަހާ ދެމެދުގަ އެވެ.
- އެބްސްޓްރެކްޓް ލިޔުމުގައި ލިޔުންތެރިޔާގެ މައުލޫމާތު ހިމަނައިގެން ނުވާނެއެވެ. އެ މައުލޫމާތުތައް ހިމަނަންވާނީ ހަމައެކަނި އޮންލައިން ސަބްމިޝަން ފޯމުގަ އެވެ.
އެބްސްޓްރެކްޓް ހުށަހެޅުމުގެ ސުންގަޑި އަކީ 20 މޭ 2026 އެވެ. އަދި ހޮވޭ އެބްސްޓްރެކްޓްތަކުގެ މައުލޫމާތު އެންގުމަށް ހަމަޖެހިފައިވަނީ 3 ޖޫން 2026 ގައެވެ. ފުރިހަމަ ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 3 ސެޕްޓެމްބަރު 2026 ގައި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.
މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތާއި، ކަރުދާސް ހުށަހެޅުމުގެ އިތުރު އިރުޝާދުތައް ލިންކް މެދުވެރިކޮށް އިން ލިބެން ހުންނާނެ އެވެ. އެބްސްޓްރެކްޓް ހުށަހަޅާނީ އެމްއެމްއޭގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އެމެރިކާއާއެކު މަޝްވަރާކުރަން އީރާނުން އިންކާރުކޮށްފި
ރޭގަނޑުގެ ނިދި ހަލާކު ކޮށްލަނީ ސްކްރީންތަކުގެ ނޫ އައްޔެއް ނޫން!
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވީޑިއޯ ވިއްކާ މީހަކު ހައްޔަރަށް