ދުބާއީ (03 މެއި)- ކޮވިޑް 19ގެ ދިރާސާއަކަށް ދުބާއީގެ ސައިންސްވެރިން ސަހަރާގެ ޖަނަވާރެއް ކަމަށްވާ ޖަމަލުގެ ބޭނުންކުރަން ފަށައިފި އެވެ.

މިގޮތުން ބަލީގެ އެންޓިބޮޑީސް ޓެސްޓްކުރަން ބައްޔަށް އިމިއުން ވެފައިވާ ކަމަށް ބެލެވޭ ޖަމަލުގެ ހަށިގަނޑަށް ވައިރަސް ފޮނުވާލުމަށްފަހު އޭގެ ފަހުން އެޖަނަވާރުގެ ހަށިގަނޑުގައިވާ އެންޓި ބޮޑީސް ވައިރަހުން ހަށިގަނޑު ދިފާއު ކޮށްދޭ މިންވަރު ދެނެގަނެވޭނެ ކަމަށް ދިރާސާ ކުރާ ސައިންސްވެރިން ބުނެ އެވެ.

މާހިރުން ބުނާގޮތުގައި މި ދިރާސާއަކީ ކޮވިޑް-19އަށް ބޭސްފަރުވާ އެއް ހޯދުމަށާއި މި ބަލިމަޑު ކަމުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތައް ހޯދުމަށް މުހިއްމު ދިރާސާއަކަށް ވާނެ އެވެ.

ޖަމަލަކީ މެދު އިރުމަތީގައި ފެތުރުނު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމްގެ އަސްލު ކަމުގައި ވީނަމަވެސް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި އެއީ ކޮވިޑް-19އަށް އިމިއުން ޖަނަވާރެކެވެ.

މީގެ ކުރިން ވެސް ކޮވިޑް-19ގެ އެކި ދިރާސާތަކުގައި ޖަނަވާރުންގެ ބޭނުންކޮށްފައިވާއިރު ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ދިރާސާތައް ކުރާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. --އަލް އަރަބިއްޔާ