'މީޑިއާ ކޮންޓްރޯލް' ކުރަން ހެދި ގާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އެކުލަވައިލައި މިއަދު އަމަލުކުރަން ފަށައިފި އެވެ.
މި ގަވާއިދުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ، މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދާއި ހިލާފުވާ ހާލާތްތަކުގައި އެކަށީގެންވާ ފިޔަވަޅުއެޅުމެވެ.
އެ ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ކޮންޓެންޓަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ޝަކުވާ ހުށަހަޅަން ޖެހެ އެވެ. ހުށަހެޅޭ ޝަކުވާއަށް ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ޝަކުވާ ރައްދުވާ ފާރަތަށް ދޭންޖެހެ އެވެ. އަދި ޝަކުވާ ހުށަަހަޅާތާ 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަންޖެހޭ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ މައްސަލަ މުރާޖައާކުރަން ހަތް ދުވަސްތެރޭ ހުށަހެޅުމުގެ އިހްތިޔާޒު ޝަކުވާ ރައްދުވާ ފަރާތަށް ލިބިގެންވާ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ހަތް ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
މައްސަލަ ބަލާނީ، އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި އެ ކޮމިޝަނުގެ މެމްބަރުން ފިޔަވައި އެހެން މީހުން ހިމެނިދާނެ ކަމަށް ވެސް ގަވާއިދުގައިވެ އެެވެ.
އަޅާނެ ފިޔަވަޅު ނިންމާނީ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މި ގަވާއިދު ބުނާގޮތުން ބްރޯޑްކާސްޓަރުން 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. ނޫސް މަޖައްލާތައް 5000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
މީގެއިތުރުން ކަންކަން އިސްލާހުކުރަން އެނގުމާއި، އާންމުކޮށް މައާފަށް އެދުން އަދި، މީޑިއާއެއްގެ ލައިސެންސް ނުވަތަ ނޫހެއްގެ ރަޖިިސްޓްރީ ބާތިލުކުރުން ފަދަ ފިޔަވަޅުތައް އެޅިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އަންހެނަކާއެކު ހުއްދަ ނޫން ގުޅުމެއް ބޭއްވި ކަމަށް އެއްބަހެއް ނުވި
އަދަދު ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި
