ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށާއި އެ ކަން ކުރާނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތާއީދާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީއަކަށް ބަދަލު ކުރުމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފެށީ، ބަރުލަމާނީއަށް ތާއީދުކުރައްވާ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ފޮނުއްވި މެސެޖެކާ ގުޅިގެންނެވެ.

އެ މެސެޖުގައި ނަޝީދު ވިދާޅުވެފައި ވަނީ، ގައުމު ހިންގުމުގައި އެންމެ އިސް މީހެއްގެ ގޮތުގައި ހުންނަން ބޭނުންވާ ކަމަށާއި، ހަވަސާގައި ހުންނަން ބޭނުންނުވާ ކަމަށެވެ. އަދި މިއީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމާމެދު މަޝްވަރާކުރަންވީ ވަގުތު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމާއެކު އެމަނިިކުފާނުގެ ސަޕޯޓަރުން ވަނީ ބަރުލަމާނީއަށް ތާއީދުކޮށް، ކެމްޕޭން ފަށައިފަ އެވެ. ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، އަދި ނިޒާމު ބަދަލުކުރުމުގެ މަޝްވަރާކުރަން ބޭނުންނުވާ ކަމަށެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދާ ގާތްގުޅުމެއް ބާއްވާ ހަލީމް ރޭ ވިދާޅުވީ، ކޯލިޝަނަކީ ބަރުލަމާނީ ނިޒާމުގެ ސިފައަކަށް ވާތީވެ ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް ތަންފީޒު ކުރުމުގައި ކޮންމެ ސަރުކާރެއްގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ރިޔާސީ ނިޒާމެއްގައި ކޯލިޝަން ގާނޫނެއް ވެސް ތަންފީޒު ކުރަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެކަމަށް އޮތް ރަނގަޅު ހައްލަކީ ބަރުލަމާނީ ނިޒާމު ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުންދާއިރު އިދިކޮޅު ކޯލިޝަނާއި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ވަނީ މީގެ ކުރިން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދުކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ރާއްޖެ މިހާރު މި ދެކޭ މަލްޓި ޕާޓީ ސިސްޓަމަކީ އެމްޑީޕީއިން ވަކާލާތު ކުރި ނިޒާމެވެ. ނަމަވެސް މަލްޓި ޕާޓީ ނިޒާމު ގެނެވުނީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް ފަދަ އިސް ލީޑަރުންގެ ތާއީދު ލިބިވަޑައިގެން ކަމަށެވެ.

އެހެންކަމުން ބަރުލަމާނީ ނިޒާމު ގެނައުމަށް ވެސް އެހެން ލީޑަރުންގެ ތާއީދު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބަރުލަމާނީ ނިޒާމަށް މީގެ ކުރިން ލިބުނު ތާއީދަށް ވުރެ ބޮޑު ތާއީދެއް ދެން ނަގާ ވޯޓެއްގައި ލިބިގެން ދާނެ ކަމަށް ހަލީމް ދެކެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މިއަދު ގިނަ ކަންކަން ރައްޔިތުން ނިންމަނީ ވިސްނުންތަކަށް ފަހު ކަމަށާއި ވަކި ފަރުދަކު އަންގާ ގޮތެއްގެ މަތިން ރައްޔިތުން ވޯޓް ނުދޭ ކަމަށެވެ.