ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި، ކޮންމެ މީހަކަށް ވެސް ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފި އެވެ.
ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާ އެކު، ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު އެކްޓިވް ވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއްނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާނަމަ، އެކުއްޖަކަށް ސްޓޫޑެންޓް ކާޑު، ކިޔަވާކުދިންނަށް ދެވިފައިވާ ހާއްސަލިމިޓާ އެކު ދޫކުރާނެ ކަމަށެވެ.
"މިކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެ. ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭނެ،" ބީއެމްއެލް އިން ބުންޏެވެ.
ވިޔަފާރީގެ ބޭނުމަށް ބައެއްފަރާތްތަކުން ވަރަށްގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާގަންނަން ބޭނުންކުރެ އެވެ. އެހެންކަމުން ބޭންކުން ވަރަށްގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށެވެ.
"ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، ކުރިން މިދެންނެވި ފަދަ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުން. އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓުން،" ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ ތިން އިންސައްތައަށް ވުރެ މަދު އަދަދެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މިއީ ކުރިން ދެންނެވި ފަދަ މުދާގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްތަކެވެ. އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުން،" ޝަރީފް ވިދާޅުވި އެވެ.
ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާ ނުލައި ވެސް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީ ނަގާގޮތަށް ވެސް ވަނީ ނިންމާފަ އެވެ.
މި ބަދަލާއެކު އިތުރުކާޑުތަކަށް އަހަރީފީ ނުނަގާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މީގެފަހުން ޓީޓީ ތަކަށް ބޭރު ފައިސާ ވިއްކާނީ ބޭންކް ހުޅުވިފައި ހުންނަ ގަޑީގައި ކަމަށެވެ. ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓީޓީ ތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކަން ވެސް ވަނީ ނިންމާފަ އެވެ.
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް
ޓޮމާޓޯ ރަނގަޅަށް ކެވޭނަމަ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
