ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ މި ދުވަސްވަރު، މިއީ ހަމައެކަނި ހަންގަނޑަށް ނުވަތަ ވަރުބަލިކަމަށް އެކަނި ކުރިމަތިވާ މައްސަލައެއް ނޫނެވެ. މާހިރުން ބުނާ ގޮތުގައި ގަދަ ހޫނުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ހޯމޯންތަކަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ.

އެންޑޯކްރިނޮލޮޖިސްޓެއް ކަމަށްވާ ޑރ. ރާޝީ އަގަރްވާލް ވިދާޅުވާ ގޮތުގައި، ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރާ 'ހައިޕޯތަލަމަސް' އަކީ ހޯމޯންތައްވެސް ބަލަހައްޓާ މަރުކަޒެވެ. ހޫނުގަދަވުމުން މި ބަޔަށް ބާރުބޮޑުވެ، ހޯމޯންތަކުގެ ބެލެންސް ގެއްލެން މެދުވެރިވެ އެވެ.

ގަދަ ހޫނުގެ ސަބަބުން ދިމާވާ ބައެއް މައްސަލަތައް:

  • ސްޓްރެސް ހޯމޯން އިތުރުވުން: ގިނަ ވަގުތު ހޫނުގައި އުޅުމުން 'ކޯޓިސޯލް' މަތިވެ، މާބޮޑަށް ވަރުބަލިވުމާއި، ނިދިނައުމާއި، ބަނޑުލުން ފަދަ ކަންކަން މެދުވެރިވެ އެވެ.
  • ތައިރޮއިޑަށް އަސަރުކުރުން: ހޫނުގެ ސަބަބުން ތައިރޮއިޑް މަސައްކަތް ކުރުން މަޑުޖެހި، މެޓަބޮލިޒަމް ދަށްވެ، ސިކުނޑި ސާފުނުވުމާއި ލޮޑުކަން އިހުސާސް ކުރަންޖެހެ އެވެ.
  • ހަކުރު ބަލީގެ މީހުންނަށް ނުރައްކާވުން: ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން އިންސިއުލިން މަސައްކަތްކުރާ މިންވަރަށް ބަދަލު އައިސް، ލޭގައި ހަކުރު ހުންނަ މިންވަރު އާދަޔާ ހިލާފަށް މަތިވެ ނުވަތަ ދަށްވެ އެވެ.
  • އަންހެނުންގެ ސިއްހަތު: ހޫނުގަދަވުމުގެ ސަބަބުން މައްސަރު ކަންތައް ގަވާއިދުން ނުވުމާއި، ބަނޑުގައި ރިއްސުން އިތުރުވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

ސަމާލުވާންޖެހޭ 6 ކަމެއް!

  • އަބަދު ވަރުބަލިވެފައި ހުރުން.
  • ނިދަން އުނދަގޫވުން.
  • މާ އަވަހަށް ރުޅިއައުމާއި މޫޑު ބަދަލުވުން.
  • މައްސަރު ކަންތައް ގަވާއިދުން ނުޖެހުން.
  • ބަރުދަން ނުވަތަ ކާހިތްވާ މިންވަރަށް ކުއްލި ބަދަލެއް އައުން.
  • ހަކުރު ބަލީގެ މީހުންގެ ގްލޫކޯޒް ލެވެލް ކޮންޓްރޯލުން ނެއްޓުން.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް!

ޑޮކްޓަރުން ލަފާދެއްވަނީ ގިނައިން ފެން ބުއިމަށާއި، ހޫނު އެންމެ ގަދަ ވަގުތުތަކުގައި ބޭރުގައި ނޫޅުމަށެވެ. އަދި ހަށިގަނޑަށް ބޭނުންވާ އިލެކްޓްރޯލައިޓްސް ލިބޭނެ ފަދަ ކާނާ ބޭނުންކުރުމަކީ ހޯމޯންތައް އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.