މިއީ ދެ މަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށާއި ސުލްހައިގެ ވާހަކަތައް ފެށުމަށް އެމެރިކާއިން ހުށަހަޅާފައިވާ އެންމެ ފަހުގެ ހުށަހެޅުންތަކަށް އީރާނުން ދޭނެ ޖަވާބަކަށް އެމެރިކާއިން އިންތިޒާރު ކުރަމުންދާ ވަގުތެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވީ، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ތެހެރާނުން ޖަވާބެއް ލިބޭނެ ކަމަށް ވޮޝިންޓަނުން އުންމީދު ކުރާ ކަމަށެވެ. ނަމަވެސް، އޭގެ އެއް ދުވަސް ފަހުން ވެސް އީރާނުގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބިފައެއް ނުވެއެވެ. އެމެރިކާގެ މި ހުށަހެޅުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ އިތުރު މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން، ރަސްމީކޮށް ހަނގުރާމަ ނިންމުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
މިއާމީގައި ހޮނިހިރު ދުވަހު ރޫބިއޯ ވަނީ ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އައްޘާނީއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ނުރައްކާތައް ހުއްޓުވުމަށާއި މެދުއިރުމަތީގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގަޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. ނަމަވެސް އެ ބަޔާނުގައި އީރާނުގެ ނަން ސީދާ ގޮތެއްގައި ބޭނުންކޮށްފައެއް ނުވެއެވެ.
ޝިޕިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގަތަރުގެ އެލްއެންޖީ (ގޭސް) އުފުލާ އުޅަނދެއް ހޮނިހިރު ދުވަހު ޕާކިސްތާނަށް ދިއުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅިއާ ދިމާލަށް ދަނީ ދަތުރުކުރަމުންނެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއި ޕާކިސްތާނާ ދެމެދު އިތުބާރު އުފެއްދުމަށް އީރާނުން ހުއްދަ ދީގެން ކުރާ ދަތުރެކެވެ. މި ދަތުރު ކާމިޔާބުވެއްޖެނަމަ، މިއީ ހަނގުރާމަ ފެށުނު ފަހުން ގަތަރުގެ ގޭސް އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ހަފުތާގައި ޗައިނާއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވާއިރު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރުވާލައި، ދުނިޔޭގެ އިގްތިސާދަށް ނުރައްކާ ކުރިމަތިކުރުވާފައިވާ މި ހަނގުރާމަ ނިންމުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ފާއިތުވި ދުވަސްތަކަކީ އެއް މަސް ދުވަސް ކުރިން އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރެވުނު ދުވަސްތަކެވެ. އަދި ހުކުރު ދުވަހު ޔޫއޭއީ އަށް ވެސް ވަނީ އަލުން ހަމަލާތައް އަމާޒުވެފައެވެ.
ކުރިމަތިލުންތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހުރަސްއެޅިފައި
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކާއެކު ހަނގުރާމަ ފެށުނު ފަހުން، ތެހެރާނުން ވަނީ އީރާނުގެ އުޅަނދުފަހަރު ނޫން އުޅަނދުތައް އެ ކަނޑުއޮޅިން ދަތުރުކުރުން ގާތްގަނޑަކަށް ހުއްޓުވާފަ އެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ހަނި ކަނޑުއޮޅި މެދުވެރިކޮށެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، ހުކުރު ދުވަހު އީރާނުގެ ސިފައިންނާއި އެމެރިކާގެ އުޅަނދުފަހަރާ ދެމެދު ކަނޑުއޮޅީގައި ކުރިމަތިލުންތަކެއް ހިނގި އެވެ. ތަސްނީމް ނިއުސް އެޖެންސީން އީރާނުގެ އަސްކަރީ އޮފިސަރަކާ ހަވާލާދީ ބުނި ގޮތުގައި މަސްރަހު މިހާރު މަޑުޖެހިފައިވީ ނަމަވެސް، އިތުރު ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އީރާނުގެ ބަނދަރަކަށް ވަންނަން އުޅުނު އީރާނާ ގުޅުންހުރި ދެ އުޅަނދަކަށް ހަމަލާދީ، އެ އުޅަނދުތައް އަނބުރާލަން މަޖުބޫރުކުރުވި ކަމަށެވެ. އެމެރިކާއިން މިދިޔަ މަހު އީރާނުގެ އުޅަނދުފަހަރަށް ވަނީ ބްލޮކޭޑެއް އިއުލާންކޮށްފަ އެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސީއައިއޭގެ އަންދާޒާތަކުން ދައްކަނީ މި ބްލޮކޭޑުގެ ސަބަބުން ކުރިއަށް އޮތް ހަތަރު މަސް ދުވަހު އީރާނުގެ އިގްތިސާދަށް މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. މިއީ ވޯޓުލާ މީހުންނާއި އެމެރިކާގެ ބައިވެރިންގެ މެދުގައި މަގްބޫލުކަން ކުޑަ މި ހަނގުރާމައިގައި، ޓްރަމްޕަށް އީރާނުގެ މައްޗަށް އޮތް ނުފޫޒާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ހަމަލާތައް ކަނޑުއޮޅިން ބޭރަށް ވެސް ވަނީ ފެތުރިފައެވެ. ޔޫއޭއީ އިން ބުނި ގޮތުގައި ހުކުރު ދުވަހު އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލާއި ތިން ޑްރޯން އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފަ އެވެ. މި ހަމަލާތަކުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.
އެޕްރީލް 7 ގައި އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތް ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ އެމެރިކާއިން އެއްބަސްވުމާ ހިލާފުވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ހާރިޖީ ގޮތުން ހައްލެއް ހޯދުމުގެ ފުރުސަތު ލިބޭ ކޮންމެ ފަހަރަކު، އެމެރިކާއިން އިހުތިޔާރު ކުރަނީ ނުރައްކާތެރި އަސްކަރީ ކުރިމަތިލުމަށް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި އެވެ.
އެމެރިކާއިން ހާރިޖީ ހައްލަކަށް މަސައްކަތްކުރަމުން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަނީ
މި ހަނގުރާމައިގައި އެމެރިކާއަށް ބައިނަލްއަގްވާމީ މާބޮޑު ތާއީދެއް ލިބިފައެއް ނުވެއެވެ. އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ބައްދަލުކުރެއްވުމަށްފަހު، ރޫބިއޯ ވަނީ ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އިޓަލީއާއި އެހެން ބައިވެރިން އެއްބާރުލުން ނުދެނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.
ހާރިޖީ މަސައްކަތްތައް ކުރިއަށްދާއިރު، އެމެރިކާއިން ވަނީ އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. އެގޮތުން، ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އީރާނުގެ އަސްކަރިއްޔާއަށް ހަތިޔާރާއި ޑްރޯން އުފެއްދުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގައި އެހީތެރިވި 10 ފަރާތަކާ ދެކޮޅަށް އެމެރިކާގެ ޓްރެޜަރީން ވަނީ ފިޔަވަޅު އަޅާފަ އެވެ. މީގެ ތެރޭގައި ޗައިނާއާއި ހޮންކޮންގުގެ ކުންފުނިތައް ވެސް ހިމެނެ އެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
ޒެލެންސްކީއާ ބައްދަލުކުރާނީ ސުލްހައަށް އެއްބަސްވުމުން: ޕޫޓިން