'އައިޝާ ޑޮކިއުމެންޓަރީ' ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް، އެއްވެސް ތަނެއްގައި އެއްވެސް ރައްޔިތަކު ދެއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޯޓު އަމުރެއް ނެރެފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރުގައިވާ ގޮތުން، އަދަދު ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށްފަ އެވެ. މީގެ އިތުރުން އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. ކުށުގެ ޝިކާރައަކަށްވީ ކާކު ކަމެއް އެ އަމުރުގައި ބަޔާންކޮށްފައެއްނެތެވެ.
އެ އަމުރުގައިވާގޮތުން މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގަ އެވެ.
މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައިވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ.
އެ ޑޮކިއުުމެންޓްރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން، ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށާއި އޭނާއަށް މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ.
އެ ޑޮކިއުމެންޓްރީ އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނާ އެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެ ޑޮކިއުމެންޓްރީގައި އެ ޖަވާބު ވެސް ހިމަނާފައިވާނެ އެވެ.
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
ޕްރޮސެސްޑް ކާނާއާއި ޑިމެންޝިއާ: ސިއްހަތަށް ބޮޑު ނުރައްކަލެއް!
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
