އައިޝާ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އަބްދުالله ޔާމީން ހިލާފުވެފައިވާތީ އެ ދެ ރައީސުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އަމިއްލަ ފަރާތުން ކްރިމިނަލް ކޯޓަށް މިއަދު މައްސަލައެއް ވައްދައިފި އެވެ.

އަމިއްލަ ފަރާތަކުން ކްރިމިނަލް ކޯޓަށް މިއަދު ވަނީ އެ އަމުރާ ހިލާފުވި ކަމަށް ބެލެވޭ މީހުންނާއި ހެކިތަކެއްގެ މައްޗަށް ބިނާކޮށް މައްސަލައެއް ހުށަހަޅާފަ އެވެ. ނަޝީދުގެ އެކި ސްޕީޗުތަކުގައި ތަކުރާރުކޮށް އަމުރާ ހިލާފުވަމުން އަންނަ ކަމަށާއި ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާކަން އެ މައްސަލާގައި ފާހަގަކޮޮށްފައިވެ އެވެ.

އޭގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ރައީސް މުހައްމަދު މުއިއްޒު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ކޯޓުގެ އަމުރާ ހިލާފުވެފައިވާކަމަށް ހުށަހެޅި މައްސަލާގައިވެ އެވެ.

އެ އަމުރާ ހިލާފުވިކަމަށް ނިންމައި އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ވަނީ ޖަލަށްލާފަ އެވެ. ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ލީވާނަށް އިއްވީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ފާޅުގައި ގިނަ ބަޔަކު އެ އަމުރާ ހިލާފުވިޔަސް ކްރިމިނަލް ކޯޓުން އެއިން އެއްވެސް ފަރާތަކާ މެދު ފިޔަވަޅެއް ނާޅަ އެވެ. އެހެންކަމުން މިއީ ކްރިމިނަލް ކޯޓުން އަދަދު ނޫހުގެ ނޫސްވެރިންނާ މެދު އެޅި ޒާތީ ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.