އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސުމޯޓްރިޗް ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސިކިއުޓަރު އެދިވަޑައިގެންފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ސުމޯޓްރިޗް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި، އޭނާ ހައްޔަރުކުރުމަށް "ސިއްރު" އަމުރެއް ނެރުމަށް ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސިކިއުޓަރު ވަނީ ހުށަހަޅުއްވާފަ އެވެ. ނަމަވެސް، ހޯމަ ދުވަހުގެ ރޭ މި މައުލޫމާތު އޭނާއަށް ދިނީ ކޮން ފަރާތަކުން ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

އާންމު އުސޫލުން ހައްޔަރުކުރުމުގެ އަމުރަށް އެދޭ މަރުހަލާއަކީ ސިއްރު މަރުހަލާއެކެވެ. މީގެ އިތުރުން، އައިސީސީ އިން އޭނާ ހައްޔަރުކުރަން ބޭނުންވާ ސަބަބެއް ވެސް އޭނާ ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭގޮތުން އައިސީސީގެ ޕްރޮސިކިއުޓަރުގެ އޮފީހުން ވަނީ އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފަ އެވެ. އެއީ ސިއްރު މަރުހަލާއަކަށް ވާތީ އެވެ. އާންމު އުސޫލުން ޕްރޮސިކިއުޓަރުން ފަނޑިޔާރުންނަށް ސިއްރު ހުށަހެޅުންތައް ހުށަހަޅަނީ، ތުހުމަތު ކުރެވޭ މީހަކު އައިސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ކޮށްފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެންނެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްގެ އިތުރުން، ހަމާސްގެ ލީޑަރެއް ކަމަށްވާ އިބްރާހީމް އަލް މަސްރީ ހައްޔަރުކުރުމުގެ އަމުރު ނެރެފަ އެވެ. އެއީ ގައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެންނެވެ.

އިޒްރޭލުގެ އޮފިޝަލުން ހައްޔަރުކުރުމުގެ އަމުރު ނެރުމަކީ ފަލަސްތީނުގެ އޮތޯރިޓީން އިއުލާންކުރި "ހަނގުރާމައެއް" ކަމަށް ސުމޯޓްރިޗް ސިފަކުރި އެވެ. މިއީ ގައްޒާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި ފަލަސްތީނުން ދޭ އެއްބާރުލުމާ މެދު އިޒްރޭލު ސަރުކާރުން ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަވާ ކަމެކެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ތަކުރާރުކޮށް ހަމަނުޖެހުމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށް، އިނގިރޭސިވިލާތާއި އިތުރު ހަތަރު ގައުމަކުން މިދިޔަ އަހަރު ވަނީ ސުމޯޓްރިޗް އާއި އިޒްރޭލުގެ މިނިސްޓަރު އިތަމާރު ބެން-ގްވީރް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ސުމޯޓްރިޗް އަކީ ގައްޒާ ދާއިމީކޮށް ހިފުމަށާއި، 2005 ވަނަ އަހަރު އިޒްރޭލުން ދޫކޮށްލި ޔަހޫދީ އާބާދީތައް އަލުން އެތަނުގައި ގާއިމުކުރުމަށް ވަކާލާތުކުރާ މީހެކެވެ.