ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބުނު ފްލެޓުގެ އެއްބަސްވުން ބާތިލްކޮށް، އެ ފްލެޓުން އާއިލާއެއް ނެރުމަށް މަސައްކަތްކުރަމުން ދަނިކޮށް، އެކަން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މި މައްސަލައަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އައިޝަތު ޝިރާނީ ނަމަކަށް ކިޔާ މީހަކަށް ލިބުނު ފްލެޓުގެ އެއްބަސްވުން ބާތިލް ކުރި މައްސަލައެކެވެ.
ޝަރުތު ހަމަވާކަމަށް ކަނޑައަޅައި، 2025 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު ހައުސިން މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކޮށް، އޭނާ އެ ފްލެޓުގައި ދިރިއުޅެމުން ދަނިކޮށް، ޝަރުތު ހަމަނުވާ ކަމަށް ބުނެ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީން އޭނާ އެ ފްލެޓުން ނެރުމަށް މަސައްކަތް ފެށުމުން، ޝިރާނީގެ ފަރާތުން ވަނީ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނެވެ.
ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން ފްލެޓް ލިބުމާ ގުޅިގެން ޝިރާނީ އާއި އޭނާގެ އާއިލާއިން ވަނީ ކުރިން ކުއްޔަށް އުޅުނު ތަން ދޫކޮށްލައި، އެ ފްލެޓަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ. މި ހާލަތުގައި ކުއްލިއަކަށް އެތަނުން ނުކުންނަން ޖެހުމަކީ އޭނާއަށާއި އޭނާގެ އާއިލާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ޝިރާނީ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން މައްސަލައިގެ ހަގީގީ ދައުވާ ހުށަހަޅައި، ކޯޓުން ގޮތެއް ނިންމަންދެން އެ ފްލެޓުން އާއިލާ ނުނެރުމަށާއި، ފްލެޓާ ގުޅޭ އެއްވެސް މުއާމަލާތެއް އެހެން ފަރާތަކާއެކު ނުކުރުމަށް އޭނާ އެދުނެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ޝިރާނީގެ ފަރާތުން މި މައްސަލައިގެ މައުޟޫއީ ދައުވާ 20 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާއަށް ލިބުނު އުދަރެސް ފްލެޓުން އޭނާ އާއި އޭނާގެ އާއިލާ ނެރުން ހުއްޓުވައި، އެ ފްލެޓް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް އެއްވެސް މުއާމަލާތެއް ނުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީއަށް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވެ އެވެ.
"ތެޔޮ އެތެރެކުރަން ކުރާ ހޭދަ 110 ޕަސެންޓް އިތުރުވެއްޖެ"
ރައީސް މުއިއްޒުގެ އެމްއައިބީ އެކައުންޓްގައި ހުރީ އެންމެ 1000ރ.
ލިމިޓެއްނެތް ފައިބާ ޕެކޭޖްތަކާއެކު ހޯމްކޮންޓެންޓް ތަކަފުލް ހިލޭ
