ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އޯވީއެސް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް އޯވީއެސްއިން ފޯރުކޮށްދޭ ފެޝަން އަދި ލައިފްސްޓައިލް އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓް ލިބޭނެ މަގު ފަހިކޮށްދީފި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ހުންނަ އޯވީއެސް ފިހާރައިން ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ވިޔަފާރީގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި، މީގެ ތެރެއިން 5،000 ރުފިޔާއިން މަތީގެ ބިލުތަކަށް 20 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި، ބިލް ދައްކާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކައިލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެވެ.

އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމުގައިވާ އޯވީއެސްއަކީ ޒަމާނީ އަދި ހިތްގައިމު ފޭރާމާއި، އެކްސެސަރީޒް އަދި ލައިފްސްޓައިލްގެ ތަފާތު އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދޭ ބްރޭންޑެކެވެ. ބައިނަލްއަގުވާމީ ފެޝަންގެ އާ އޮއިވަރުތަކާއި، ދުވަހުން ދުވަހަށް ބޭނުންކުރަން ފަސޭހަ ފަރުމާތައް އެކުލަވައިލައިގެން މުދާ ފޯރުކޮށްދޭ އޯވީއެސްއަކީ މިހާރު ރާއްޖޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ބްރޭންޑެކެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.