މަރަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެ ދުނިޔޭގެ އެންމެ ބޮޑު ހަގީގަތެވެ. ނަމަވެސް މަރުވުމާ މެދު ނުވަތަ ފުރާނަ ދިއުމާ މެދު ހިތުގައި އުފެދޭ އާދަޔާ ހިލާފު ބިރުވެރިކަމަކީ ގިނަ ބަޔަކު ސިއްރުން ތަހައްމަލު ކުރަމުންދާ ނަފްސާނީ ކަމެކެވެ.
މަޝްހޫރު ޓެކް ނޫސްވެރިޔާ ކާރާ ސްވިޝާއާ ހަވާލާދީ ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މަރުގެ ބިރުވެރިކަމާއި އިންސާނާގެ ދުޅަހެޔޮކަމާ ދެމެދު ވަރަށް ފުން ގުޅުމެއްވެ އެވެ.
މަރުގެ ބިރުވެރިކަމަކީ ކޮބާ؟
މިއީ ހަމައެކަނި މަރުވާ ވަގުތަށް ބިރު ގަތުމެއް ނޫނެވެ. މިއީ ތިމާގެ ވުޖޫދު މި ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރާއި، މަރުވުމަށްފަހު ވާނެ ގޮތްތަކާ މެދު މާބޮޑަށް ވިސްނައި ދިރިއުޅުމުގެ އުފާވެރިކަން ގެއްލޭ މިންވަރަށް ހާސް ވުމެވެ.
މިއީ އުމުރުން ދުވަސްވަމުންދާ ވަރަކަށް، ނުވަތަ ގާތް މީހަކު ވަކިވެގެންދާ ވަގުތު ތަކުގައި، އަދި ސިއްހީ ބޮޑު ކަމަކާ ކުރިމަތިލާން ޖެހޭ ހާލަތްތަކުގައި އިތުރަށް ވަރުގަދަވާ ބިރެކެވެ.
"ވެލްނެސް"އާއި މަރު ހަނދާން ކުރުން
ޒަމާނީ 'ވެލްނެސް' އިންޑަސްޓްރީން ގިނައިން ވާހަކަދައްކަނީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމާއި ކެއުންބުއިން ބެހެއްޓުމާއި އަދި ގިނަ ދުވަހު ދިރިއުޅުމަށެވެ.
ނަމަވެސް، ހަގީގީ ދުޅަހެޔޮކަމަކީ ހަމައެކަނި ޖިސްމާނީ ދުޅަހެޔޮ ކަމެއް ނޫނެވެ. މަރުގެ ހަގީގަތް ގަބޫލުކޮށް އެ ބިރާ ކުރިމަތިލުމަކީ ނަފްސާނީ ދުޅަހެޔޮ ކަމުގެ އެންމެ މުހިއްމު އެއް ބައެވެ. މި ބިރު ހިތުގައި ފޮރުވައިގެން އުޅުމަކީ އެތައް ނަފްސާނީ ބަލިތަކަކަށް މަގުފަހިވާ ކަމެކެވެ.
ދިރިއުޅުމަށް ކުރާ އަސަރު
މި ބިރުގެ ސަބަބުން ބައެއް މީހުންނަށް ކުރިމަތިވާ ކަންކަމުގެ ތެރޭގައި:
- އާދަޔާޚިލާފަށް ބަލިތަކަށް ބިރުގަތުން: ސިއްހަތާ މެދު މާބޮޑަށް ހާސްވެ، ކުޑަކުޑަ ކަމަކުންވެސް ބޮޑު ބައްޔެއް ޖެހުނީ ކަމަށް ހީވުން .
- އުމުރުން ދުވަސް ވުމަށް ނުރުހުން: ހަށިގަނޑަށް އަންނަ ބަދަލުތަކާއި އުމުރުން ދުވަސްވުމުގެ އަލާމާތްތައް ފެނުމުން ނުތަނަވަސްވުން.
- ދިރިއުޅުމުގެ ނިންމުންތަކަށް ހުރަސް އެޅުން: މާދަމާ ވާނެ ގޮތެއް ނޭނގޭތީ މުހިއްމު ނިންމުންތައް ނިންމަން ފަސް ޖެހުން.
މި ބިރުން ސަލާމަތްވެ ހަމަޖެހުން ހޯދާނީ ކިހިނެއް؟
- ހަގީގަތް ގަބޫލު ކުރުން: މަރުވުމަކީ ދިރިއުޅުމުގެ ގުދުރަތީ ނިމުންކަން ގަބޫލުކޮށް އެ މައުލޫއަށް ހުޅުވާލެވިގެންވާ މާހައުލެއްގައި ވާހަކަ ދެއްކުމަކީ ހިތުގެ ބިރުވެރިކަން ކުޑަވާ ކަމެކެވެ.
- މިހާރަށް ވިސްނުން: މާދަމާ ވާނެ ގޮތަކަށް ނުވަތަ މަރުވާނެ ދުވަހަކަށް ވިސްނައި ކަންބޮޑުވުމުގެ ބަދަލުގައި މިއަދު ލިބިފައިވާ ދިރިއުޅުމުގެ އުފާ ލިބިގަތުމަށް ސަމާލުކަން ދިނުން.
- އޯގާތެރި ގުޅުންތައް ބޭއްވުން: އާއިލާއާއި ރައްޓެހިންނާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަކީ ދިރިއުޅުމަށް މާނައެއް ގެނެސްދީ ހިތަށް ބޮޑު ހަމަޖެހުމެއް ލިބޭ ކަމެކެވެ.
- ދީނީ އަދި ރޫހާނީ ހަމަޖެހުން: އަޅުގަނޑުމެންގެ މުޖުތަމައުގައި މަރުގެ ބިރުވެރިކަމުން ސަލާމަތް ވުމަށް އޮތް އެންމެ ބޮޑު ހައްލަކީ އާހިރަތް ދުވަހަށް ތައްޔާރު ވުމާއި، ޒިކުރުކުރުމާއި ދީނީ ކަންކަމަށް ސަމާލުކަން ދީގެން ހިތުގެ ހަމަޖެހުން ހޯދުމެވެ.
ސިއްހީ މާހިރުންގެ ވާހަކަ ތަކުން އެނގެނީ މަރުގެ ބިރަކީ ލަދު ގަންނަންޖެހޭ ނުވަތަ ސިއްރު ކުރަންޖެހޭ ކަމެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، އެ ބިރު ބޭނުން ކުރަންވީ މިއަދުގެ ދިރިއުޅުން އިތުރަށް މާނަވީ، އުފާވެރި އަދި އަނެކުންނަށް ފައިދާހުރި ގޮތެއްގައި ހޭދަ ކުރުމުގެ ހިތްވަރަކަށެވެ. ހަގީގީ ވެލްނެސްއަކީ މަރާ ހަމައަށް ދާއިރު ހިތްހަމަ ޖެހުމާއެކު ދިރިއުޅެވުނު ކަމުގެ އިހުސާސް ކުރެވުމެވެ.