ބޮލީވުޑްގެ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު އެއް ކްރައިމް ޑްރާމާ ކަމަށްވާ "ކަލްނާޔަކް" (1993) ރިލީޒް ކުރިތާ 30 އަށްވުރެ ގިނަ އަހަރު ފަހުން އެ ފިލްމުގެ ސީކުއަލް "ކަލްނާޔަކް ރިޓާންސް" އިން ބޮލީވުޑްގެ ދެ ލެޖެންޑުން ކަމަށްވާ ސަންޖޭ ދަތު (ބައްލޫ) އާއި ޖެކީ ޝްރޮފް (އިންސްޕެކްޓަރ ރާމް) އެކުގައި ފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
މަޝްހޫރު ޑައިރެކްޓަރު ސުބާޝް ގާއީ އުފައްދާ މި ފިލްމާ ގުޅޭގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖެކީ ވަނީ އޭނާ މި ފިލްމުގައި މަސައްކަތް ކުރާނެކަން 100 ޕަސެންޓް ކަށަވަރު ކޮށްދީފަ އެވެ.
އޭނާ ބުނިގޮތުގައި ކުރީގެ ފިލްމުގައި އިންސްޕެކްޓަރެއްގެ ގޮތުގައި ފެނުނު ރާމް، މިފަހަރު ފެންނާނީ ފުލުހުންގެ ބޮޑެއްގެ ގޮތުގަ އެވެ.
"ވަރަށް ފުރިހަމަ! އަހަރެން މިހުރީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކޮށްގެން. 100 ޕަސެންޓް ކަށަވަރު. ކޮމިޝަނަރު ހުންނަން ޖެހޭނެ އެއްނު ދޯ؟ ރައްޓެހިންނާ އެކު މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް. ސަންޖޫ ބާބާ އަކީ އަހަރެންގެ ފުރާނަ" ޖެކީ ބުނެފައިވެ އެވެ.
ޖެކީ ބުނިގޮތުގައި މި ފިލްމާ ގުޅޭ ގޮތުން ސުބާޝް އަދި ސަންޖޭއާއެކު މިހާރު ވަނީ މަޝްވަރާތައް ކުރެވިފަ އެވެ.
"ކަލްނާޔަކް ރިޓާންސް"ގެ ހިޔާލު އުފެދުނު ގޮތްމި ފިލްމުގެ ސީކުއަލްއެއް ހެދުމުގެ ހިޔާލު ސަންޖޭއަށް އެންމެ ފުރަތަމަ އައީ 1993 ގެ ބޮންބޭ ގޮވުންތަކާ ގުޅިގެން އޭނާ ޔަރްވާޑާ ސެންޓްރަލް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ދުވަސްވަރު އެވެ. ޖަލުގައި ތިބި އެހެން ގައިދީންނާ ވާހަކަ ދައްކަމުން، "ބައްލޫ"ގެ ކެރެކްޓާ ދެކެން މީހުން އަދިވެސް ބޭނުންވޭތޯ ސަންޖޭ ބަލަން ބޭނުންވި އެވެ.
އެގޮތުން ޖަލުގެ 4،000 އެއްހާ ގައިދީންނާ ސަންޖޭ ވާހަކަދެއްކި އިރު އެންމެންގެ ފަރާތުންވެސް ލިބުނީ ވަރަށް ބޮޑު ތަރުހީބެކެވެ. އަދި ބައްލޫގެ ވާހަކަ ކުރިއަށްދާނެ ގޮތުގެ ހިޔާލުތައް އެއް ސަފުހާގެ ކޮންސެޕްޓްތަކެއްގެ ގޮތުގައި ލިޔެފައި ހުށަހެޅުމަށް ސަންޖޭ އެދުމުން އެތައް ހާސް ގައިދީންނެއް އެމީހުންގެ އަމިއްލަ ހިޔާލުތައް ލިޔެފައި ސަންޖޭއާ ހަވާލުކުރި އެވެ.
ޖަލުން މިނިވަންވުމަށްފަހު ސަންޖޭ މި ޚިޔާލުތައް ސުބާޝްއާ ހިއްސާ ކުރުމުން، ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަން އޭނާ އެއްބަސްވީ އެވެ.
މި ފަހަރުގެ ފިލްމު އުފައްދަނީ ކުރީގެ ފިލްމަށްވުރެ މާ ބޮޑު ބަޖެޓަކުންނެވެ. ފިލްމުގެ ރައިޓްސް މިހާރު ވަނީ ސަންޖޭ ދަތުގެ "ތުރީ ޑައިމެންޝަން މޯޝަން ޕިކްޗާސް" އަދި "އެސްޕެކްޓް އެންޓަޓެއިންމަންޓް" އިން ގަނެފަ އެވެ.
މުމްބާއީގައި ބޭއްވި އިވެންޓެއްގައި ދައްކާލި ކުޑަ ޓީޒާއަކުން ސަންޖޭ ފެނިގެންދަނީ އުމުރުން ދުވަސްވީ، ނަމަވެސް ވަރަށް ވަރުގަދަ އަދި "ޑާކް" ސިފައެއްގަ އެވެ. މި ފިލްމުގެ ވާހަކަ މާ ބޮޑަށް ހާމަކޮށްފައި ނުވާއިރު، ފޭނުންގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ކުރީގެ ފިލްމުގައި "ގަންގާ" ގެ ބައި ކުޅުނު މާދޫރީ ޑިކްސިޓް މި ފިލްމުން ފެންނާނެތޯ އެވެ.
ނަމަވެސް މިހާތަނަށް މާދޫރީ މި ފިލްމުގައި ބައިވެރިވާނެކަން ރަސްމީކޮށް ކަށަވަރު ވެފައެއް ނުވެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޕްރޮގްރާމެއް
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނަށް ހަމަލާދޭން ތައްޔާރު
މެޑޮކްސް ވެސް ނަމުން ބައްޕަގެ ނަން އުނި ކުރަނީ!