ރާއްޖޭގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް މަނާކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ސައިބާ ބުލީ ކުރުމާއި އޮންލައިން ގްރޫމިން އަކީ ވަރަށް ނުރައްކާތެރި އެހެނަސް މުޅި ދުނިޔޭގައި ވެސް ކުޑަކުދިން އެ މައްސަލަތައް ތަހައްމަލުކުރަން ޖެހޭ މިންވަރު އިތުރުވެފައިވާ މައްސަލައެއް ކަމަށެވެ.

ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވާއިރު، ދިވެހި ކުދިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ހާމްފުލް ކޮންޓެންޓަށް ޒުވާން ކުދިން، ތުއްތު ކުދިން އެބަ އެކްސްޕޯޒްވޭ. އެހެންވީމާ އަޅުގަނޑުމެންގެ ޒުވާން ކުދިން މިކަންކަމުން ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް. ރައްޔިތުންނާއި، މުޖުތަމައުގެ މުއައްސަސާތައް ގުޅިގެން ކުރަންޖެހޭ މުހިންމު ކަމެއް. އެހެންވީމާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަޝްވަރާކޮށް، ސޯޝަލް މީޑިއާގެ ބައެއް އެޕްތައް 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުން ނުކުރެވޭ ގޮތް ހަދަން ގަސްތުކުރަން،
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެ ފިޔަވަޅު އަޅާނީ ރައްޔިތުންނާއި، ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ފިޔަވަޅު އެޅުމަށް ނިންމީ އޮސްޓްރޭލިއާ ސަރުކާރުން މިހާރު މި ކަމުގައި ގެންގުޅޭ މިސާލަށް ބަލައިގެންނެވެ.

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވަނީ ހަރުކަށި ގާނޫނެއް ފާސްކޮށްފަ އެވެ. ކުޑަކުދިން ރައްކާތެރިކުރުމުގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުން ފާސްކުރި މި ހަރުކަށި ގާނޫނުގެ ސަބަބުން، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ސޯޝަލް މީޑިއާ ނެޓްވޯކްތަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، މެސެޖު ކުރުމަށް ހާއްސަ އެޕްލިކޭޝަންތަކާއި އޮންލައިން ގޭމިން ޕްލެޓްފޯމްތަކަށް މި ގާނޫނުގެ ދަށުން އިސްތިސްނާއެއް ވަނީ ދީފަ އެވެ.

މި އާ ނިޒާމުގެ ދަށުން، ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އުމުރު ޔަގީންކުރުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ސޯޝަލް މީޑިއާ ކުންފުނިތަކަށް މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި މި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، އެ ކުންފުނިތައް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނުން ވަނީ ދީފަ އެވެ. މި ގާނޫނު ތަންފީޒުކުރަން ފެށިފަހުން ޝަރުތު ހަމަނުވާ މިލިއަނަކަށްވުރެ ގިނަ އެކައުންޓްތައް މިހާތަނަށް ވަނީ ބަންދު ވެސް ކޮށްފަ އެވެ.

އޮސްޓްރޭލިއާގެ އިތުރުން މެލޭޝިއާގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް މިއަދުން ފެށިގެން ވަނީ ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ.