މާލޭގެ މަގުމަތިން 1.7 މިލިއަން ރުފިޔާ ފޭރެން އުޅުނު ދެ މީހަކާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށްފަހު އެ މީހުންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމަކާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ދީފި އެވެ.
ފެބްރުއަރީ, 2020 ގެ ދުވަހެއްގައި ދެ މީހަކު ގޮސް 1.7 މިލިއަން ރުފިޔާ ފޭރެން އުޅުނީ އަމިން ކޮންސްޓްރަކްޝަންގެ މުވައްޒަފަކު އެ ކުންފުނީގެ ޗެކަކަށް ބޭންކުން ފައިސާ ނަގައިގެން ސައިކަލުގައި ދަނިކޮށް އޭނާގެ ބޮލުގައި ދަގަނޑު ހޮޅި ބުރިއަކުން ހަމަލާދިނުމަށްފަހު އެވެ.
އެ މައްސަލާގައި ފޭރެން އުޅުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ ދައުލަތުން ކުރީ އެ ފައިސާ ހުރި ދަބަސް ސަލާމަތް ކުރަން އުޅުމުން އެ މީހާގެ ބޮލުގައި އެ ދެ މީހުން ފައިން ތަޅާފައިވާތީ އެވެ.
އެ ކުށުގެ އަދަބަކީ ދޮޅު އަހަރުގެ ޖަލު ހުކުމެއް ނަމަވެސް ދައުލަތުން އެ ދެ މީހުންނާއެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އެ ދެ މީހުންގެ އަދަބު 10 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކުރަން ދައުލަތުން އެއްބަސްވި އެވެ. އަދި ބާކީ ބައި ޖޫރިމަނާއަށް ބަދަލު ކުރުމަށް ވެސް ނިންމި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ އެ އެއްބަސްވުމާ އެއްގޮތަށް އެ ދެ މީހުން ކުށަށް އިއުތިރާފްވެފައިވާތީ އެ މީހުން 10 ދުވަހަށް ޖަލަށްލުމާއެކު ޖުމްލަ 109,600ރ. އިން ޖޫރިމަނާކުރީ ކަމަށެވެ. އަދި އެ މީހުން ކުރިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހުން ދެން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ކަލްނާޔަކް ރިޓާންސް: 30 އަހަރަށްފަހު ޖެކީއާއި ސަންޖޭ އެކީގައި!
ނަފްސާނީ މައްސަލަތަކަށް ބްރިޓްނީ އެންމެ ފަހުން އިއުތިރާފް ވެއްޖެ
