ދިރާގުގެ މުވައްޒަފުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްނެގުމާއި ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި، 'ޕިޗް ފޯ ޕާޕަސް' ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް އެ ކުންފުނިން ރަސްމީކޮށް ތައާރަފުކޮށްފި އެވެ.
މި ޕްލެޓްފޯމަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާ ކުރެވިފައިވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.
ދިރާގު މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގައި 'ޕިޗް ފޯ ޕާޕަސް' އިފްތިތާހް ކޮށްފައިވާއިރު، މި ޕްލެޓްފޯމް މެދުވެރިކޮށް މުވައްޒަފުންނަށް ޓީމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ، މުޖުތަމައުގެ ލާބައަށްޓަކައި އެ މުވައްޒަފުންގެ އަމިއްލަ ހިޔާލުތަކާއި ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ހުށަހަޅާ ކަންކަމުގެ ތެރެއިން ހޮވޭ ކަންކަން ތަންފީޒުކުރުމަށް ދިރާގުގެ އިޖުތިމާއީ ޒިންމާ (ސީ.އެސް.އާރް) ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހުށަހަޅާ ޕްރޮގްރާމްތަކުން ހޮވޭ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮގްރާމެއް ދިރާގުން ކުރިއަށް ގެންގޮސްދޭނެ އެވެ. މީގެ ސަބަބުން، މުވައްޒަފުންގެ ހިޔާލުތައް މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނި ގޮތުގައި، ތިމާވެށި ރައްކާތެރިކުރުމާއި، މެންޓަރިން ޕްރޮގްރާމްތަކާއި، ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕްތަކުގައި ދިރާގުގެ މުވައްޒަފުން އަބަދުވެސް ވޮލަންޓިއަރުންގެ ގޮތުގައި ނަމޫނާ ދައްކަމުންދެއެވެ. އައު ޕްލެޓްފޯމާއެކު، މުޖުތަމައަށް ބޭނުންވެފައިވާ ކަންކަން ދެނެގަތުމުން ފެށިގެން، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމުގައި މުވައްޒަފުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނެއެވެ.
'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ހާސިލުކޮށްފައިވާ ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި، މުވައްޒަފުންގެ ހިޔާލާއި ބައިވެރިވުން އިތުރުކުރުމަށެވެ. މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ބޭރުން މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ބައިވެރިވުމުގެ އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ދިރާގުގެ މި އިސްނެގުމަކީ މުޖުތަމައުތައް ބާރުވެރިކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އިތުރު ފައިދާ ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ނަޝީދުގެ ރިޔާސަތުގައި މާދަމާ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
ބޮންޑް"ގެ ފިލްމުތަކަށް އަހަރެންގެ އަގެއް ނުދެއްކޭނެ: ސްޓީވަން