ސިކުނޑީގެ މަސައްކަތްތައް ހަލުވިކުރުމަށާއި، ފޯކަސް އިތުރުކުރުމުގެ އިތުރުން ސްޓްރެސް ކުޑަކުރުމަށްޓަކައި ޒުވާނުންނާއި ހީވާގި މަސައްކަތްތެރިންގެ މެދުގައި އެލް-ޓައިރޮސީން ސަޕްލިމެންޓްތަކަކީ ވަރަށް މަގުބޫލު އެއްޗެކެވެ.
ނަމަވެސް، ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ލޭގައި މި އަމިނޯ އެސިޑް ހުންނަ މިންވަރު މަތިވުމަކީ ފިރިހެނުންގެ އުމުރުން ގާތްގަނޑަކަށް އެއް އަހަރު ކުރުވެގެންދާ ކަމެކެވެ.
"އޭޖިންގް" ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި، އިނގިރޭސިވިލާތުގެ 270,000 އަށްވުރެ ގިނަ މީހުންގެ ޖެނެޓިކް އަދި ސިއްހީ މައުލޫމާތު ވަނީ ދިރާސާ ކޮށްފަ އެވެ.
ސައިންސްވެރިން ބެލި ބެލުމުން އެނގުނު ގޮތުގައި، ޖެނެޓިކްސްގެ ސަބަބުން ލޭގައި ޓައިރޮސީންގެ މިންވަރު މަތީގައި ހުންނަ ފިރިހެނުން، އާދައިގެ މީހުންނަށްވުރެ އެވްރެޖްކޮށް 0.9 އަހަރު އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑެވެ.
ހައިރާންވާންޖެހޭ ކަމަކީ، މި ނޭދެވޭ އަސަރު އަންހެނުންގެ ހަށިގަނޑުން ފާހަގަ ވެފައިނުވާ ކަމެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ފިރިހެނުންގެ ހަށިގަނޑުގައި ގުދުރަތީ ގޮތުންވެސް ޓައިރޮސީން ހުންނަ މިންވަރު އަންހެނުންނަށްވުރެ މައްޗެވެ. މިއީ އާންމުކޮށް އަންހެނުންނަށްވުރެ ފިރިހެނުންގެ އުމުރު ކުރުވާން ދިމާވާ އެއް ސަބަބަށް ވުންވެސް އެކަށީގެންވެ އެވެ.
ޓައިރޮސީން އަކީ ކޮބާ؟ އަދި އެއިން އުމުރު ކުރުވަނީ ކީއްވެ؟
ޓައިރޮސީން އަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ކެމިކަލްތަކެއް ކަމަށްވާ ޑޯޕަމީން އަދި އެޑްރެނަލިން އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ މީހާގެ މޫޑާއި، ސަމާލުކަމާއި، ހަނދާން ވަރުގަދަ ކޮށްދޭ މާއްދާ ތަކެކެވެ.
މި މާއްދާ ގިނަވުމުން އުމުރު ކުރުވާން ދިމާވާ ސަބަބާ ބެހޭގޮތުން ސައިންސްވެރިން ދެނީ ދެ ފިކުރެކެވެ:
- އިންސިއުލިން ރެސިސްޓެންސް: މީގެ ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި ލޭގައި ޓައިރޮސީން ގިނަވުމުން ހަށިގަނޑުގެ ސެލްތަކަށް އިންސިއުލިން ބޭނުންކުރަން އުނދަގޫވެއެވެ. މިއީ ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.
- ސްޓްރެސް ހޯމޯންތައް މަތިވުން: ޓައިރޮސީންގެ ސަބަބުން އެޑްރެނަލިން ފަދަ ސްޓްރެސް ހޯމޯންތައް އިތުރުވެ، ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ ޓެސްޓޮސްޓެރޯންއާ އެކުވެގެން މުސްކުޅިވުމުގެ މަރުހަލާ އަވަސްކޮށްދެ އެވެ.
ސަޕްލިމެންޓް ބޭނުންކުރާ މީހުން ސަމާލުވާންޖެހޭ ކަންކަން
މި ދިރާސާއަކީ ސީދާ ސަޕްލިމެންޓް ކެއުމުން ދިމާވާ ގޮތް ބެލި ދިރާސާއެއް ނޫނެވެ. މިއީ އިންސާނާގެ ލޭގައި ގުދުރަތީ ގޮތުން މި މާއްދާ ހުންނަ މިންވަރަށް ބަލާފައިވާ ދިރާސާ އެކެވެ. އެހެންކަމުން، މީގެ މާނައަކީ ޓައިރޮސީން އެކުލެވޭ ކާނާ (މަސް، ބިސް، ކިރު، ބީންސް ފަދަ ޕްރޮޓީން ގިނަ ކާނާ) ކެއުން ހުއްޓާލުމެއް ނޫނެވެ.
ނަމަވެސް، ވިސްނުން ތޫނު ކުރުމުގެ ނަމުގައި ބާޒާރުން ގަންނަން ލިބޭ ބާރުގަދަ އެލް - ޓައިރޮސިން ސަޕްލިމެންޓްތަކާއި، ބައެއް ކަހަލަ އެނާޖީ ޑްރިންކްތައް ބޭނުންކުރުމުގައި ފިރިހެނުން ހާއްސަކޮށް ސަމާލުވާންޖެހެ އެވެ.
ޑޮކްޓަރެއްގެ އިރުޝާދެއް ނެތި މިފަދަ ސަޕްލިމެންޓްތައް ދިގު މުއްދަތަކަށް ބޭނުންކުރުމަކީ ހަށިގަނޑަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުން ލިބިދާނެ ކަމެއްކަން ސައިންސްވެރިން މިހާރު މިވަނީ ހާމަކޮށްފަ އެވެ.
އޭޝިއާ ސަރަހައްދުގައި ސައިބާ ކުށްތައް އިންތިހާއަށް އިތުރުވަނީ
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް