އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ވ. ކެޔޮދޫން މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، ވ. އަތޮޅު ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ވ. ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަހްމަދު ހުސައިން، 25، އެވެ.

ފުލުހުން މިއަދު ބުނީ، އޭނާ ހައްޔަރުކުރީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމަށްކަސްޓަމްސްްއިން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.