ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔާގްނިކް، ކަންބޮޑުވާ ފަދަ ސިއްހީ ހާލަތެއްގައި ހުއްޓާ ގިނަ ދުވަސްތަކަކަށްފަހު އާންމުންގެ ތެރެއަށް ނުކުމެ، އިންޑިއާގެ ޝަރަފުވެރި "ޕަދްމާ ބޫޝަން" އެވޯޑް ހާސިލުކޮށްފި އެވެ.
ނަމަވެސް، މި ހަފްލާގެ ތެރެއިން އޭނާ ފެނުނު ބަލިކަށި ސިފައިގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ އަތްޕުޅުން އެވޯޑާ ހަވާލުވުމަށް ސްޓޭޖަށް އެރިއިރު، އަލްކާ ހުރީ ވަރަށް ބަލިކަށިކޮށް، ހިނގުމުގައި އަންހެން ވޮލަންޓިއަރެއްގެ އެހީތެރިކަން ހޯދަމުންނެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯތައް ދައުރު ވާން ފެށުމާއެކު، އަލްކާ ވަނީ އޭނާގެ ސިއްހަތާ ބެހޭ ގޮތުން ސަޕޯޓަރުންނަށް މެސެޖެއް ދީފަ އެވެ.
"މަޑުމަޑުން އަނބުރާ އަންނަނީ" - އަލްކާ
އެވޯޑް ހަފްލާއަށްފަހު އަލްކާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ފާއިތުވި ދެ އަހަރު ދުނިޔޭގެ ސަމާލު ކަމުންނާއި އާންމު ހަފްލާތަކުން އޭނާ ދުރުގައި ހުރީ ވަރަށް ބޮޑު ސިއްހީ ގޮންޖެހުމަކާ ކުރިމަތިލާން ޖެހުމުން ކަމަށެވެ.
"އަހަރެން މިހާރު އަންނަނީ މަޑުމަޑުން އަހަރެންގެ ކުރީގެ ދިރިއުޅުމަށް އެނބުރާ އަންނާނެ މަގު ހޯދަމުން،" އަލްކާ ލިޔެފައިވެ އެވެ. އޭނާ ބުނި ގޮތުގައި، މި ބުރަ ދަތުރުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި، މެސެޖުތަކާއި އަދި ހެޔޮ ދުއާތަކަކީ އޭނާއަށް ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
ގައުމުގެ އެންމެ މަތީ އެއް ޝަރަފު ކަމަށްވާ "ޕަދްމާ ބޫޝަން" ލިބުމުން، އެކަމަށްޓަކައި އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް އަލްކާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި އެވޯޑަކީ އޭނާގެ ލަވަތައް ބަލައިގަތް އިންޑިއާއާއި އެހެން ގައުމުތަކަށް ނިސްބަތްވާ އެތައް މިލިއަން ސަޕޯޓަރުންގެ އެވޯޑެއް ކަމަށް އޭނާ ސިފަކުރި އެވެ.
އަލްކާއަށް ދިމާވީ ކޮން ސިއްހީ މައްސަލައެއް؟
2024 ވަނަ އަހަރު އަލްކާ ވަނީ އޭނާއަށް ކުއްލިއަކަށް ދިމާވި ސިއްހީ ބޮޑު މައްސަލައެއް އާންމު ކޮށްފަ އެވެ. ފްލައިޓަކުން ފޭބި ވަގުތު ކުއްލިއަކަށް ކަންފަތަށް އެއްވެސް އަޑެއް ނީވޭ ގޮތްވެ، ޑޮކްޓަރުންނަށް ދެއްކުމުން އޭނާއަށް ވަނީ ރެއާ "ސެންސޮރީނިއުރަލް ނާވް ހިއަރިންގ ލޮސް" ޖެހިފައިކަން އެނގުނެވެ. މިއީ ވައިރަލް އެޓޭކެއްގެ ސަބަބުން ކަންފަތުގެ އިވުމުގެ ނާރަށް ލިބުނު ގެއްލުމެކެވެ.
އެ ދުވަސްވަރު އަލްކާ ވަނީ ހެޑްފޯން ބޭނުން ކުރުމާއި މާ ބާރަށް ލަވަ އަޑު އެހުމުން ދުރުހެލިވުމަށް އޭނާގެ ސަޕޯޓަރުންނަށް އިލްތިމާސްވެސް ކޮށްފަ އެވެ.
އަލްކާ ޔާގްނިކް އަކީ ބޮލީވުޑްގެ އެތައް ސަތޭކަ މަޝްހޫރު ލަވަތަކެއް ކިޔާދީފައިވާ، އިންޑިއާގެ އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާ އެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި "ޓިޕް ޓިޕް ބަރްސާ ޕާނީ"، "އޭ މެރޭ ހަމްސަފަރު"، އަދި "އަގަރް ތުމް ސާތު ހޯ" ހިމެނެ އެވެ.
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ