ފީފާ ވޯލްޑްކަޕްގެ ގްރޫޕް އެފް ގެ ދެވަނަ ޓީމުގެ ގޮތުގައި ޖަޕާން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ޖަޕާނުން ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައި ވަނީ ސްވިޑަން އާ ދެކޮޅަށް އެމެރިކާގެ ޑަލާސް ސްޓޭޑިއަމްގައި 70،000 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޖަޕާން ގެ ޑައިޒެން މައޭޑާ ވަނީ ލަނޑެއް ޖަހާ ޖަޕާނަށް ކުރި ހޯދަދީފަ އެވެ.

ސްވިޑަން އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި އެންތޮނީ އެލަންގާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ޖަޕާނަށް ވަނީ މި ގްރޫޕްގައި ކުޅުނު ތިން މެޗުން ލިބިފައިވާ 5 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. ސްވިޑަން އަށް އަށް ލިބިފައިވާ 4 ޕޮއިންޓާއެކު ތިންވަނައަށް ގޮސްފައިވާ ޓީމުތަކުގެ ތެރެއިން އެ ޓީމަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. ގްރޫޕްގެ އެއްވަނަ މަގާމް ލިބިފައި ވަނީ ނެދަލޭންޑްސް އަށެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ނެދަލޭންޑްސް އާއި ޓިއުނީޝިޔާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ނެދަލޭންޑްސް ވަނީ ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ 3 ވަނަ މިނިޓުގައި ނެދަލޭންޑްސް އަށް ލީޑު ލިބިފައި ވަނީ ޓިއުނީޝިޔާގެ އިލްޔާސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ބްރިޔަން ބްރޮބޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ޓިއުނީޝިޔާގެ އާޒެމް މަސްތޫރީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

ނެދަލޭންޑްސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި ވެން ހެކޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.