ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތް ކުރައްވާ ކަމަށެވެ.

މިއަދު ފުލުހުން މި ދެކޭ ޒަމާނީ ދިވެހި ފުލުހުންގެ މުއައްސަަސާ 2004ވަނަ އަހަރު ވުޖޫދުމާއި މި މުއައްސަސާ މިގޮތުގައި ބިނާވުމުގައި އާދަޔާ ހިލާފު ނަމޫނާއެއް ދައްކަވައި މި ކާމިޔާބު މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވި ދިވެހި ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބުރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އާދަމް ޒާހިރުއާއި. ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭކަލުންނަށް ޝުކުރު ދެންނެވި އެވެ.