ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު، ހަައްޖުގެ އަޅުކަން މި އަހަރު ކުރިއަށް ގެންދާނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުންޏަސް، ރާއްޖެއިން ހައްޖަށް ދެވޭނެ ކަމަށް އެ ގައުމުން އަދި ނާންގާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ސައުދީގައި ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވުމުން، މިދިޔަ އަހަރު ވަނީ އެ ގައުމުގައި ތިބި މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ ގޮތަށް އުސޫލެއް ހަމަޖައްސައިފަ އެވެ. އެކަމަކު، މި އަހަރު އެފަދަ އުސޫލެއް ހަމަޖެއްސިކަން ރަސްމީ އެއްވެސް އިދާރާއަކުން ޔަގީންނުކޮށްދެ އެވެ.

ރޮއިޓާސްއިން ސައުދީގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައި ވަނީ، ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައޫދީގައި އުޅޭ، އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ގޮތަށް، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އެ ބަލި ޖެހި ރަނގަޅުވިތާ ހަ މަސް ނުވާ މީހުންނަށެވެ. އެކަމަކު، މީގެ ތެރެއިން އަމަލުކުރާނީ ކޮން ގޮތަކަށް ކަމެއް އަދި ނުނިންމާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން މިނިސްޓަރު ޒާހިރު ވިދާޅުވީ، ސައޫދީން މި އަހަރު އަމަލުކުރާނެ މިންގަނޑުތައް ވެސް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވެސް މިހާތަނަކަށް އަންގާފައިނުވާ ކަމަށެވެ. ކުރިން އަހަރުތަކުގައި އެ ގައުމުގެ ހައްގު މިނިސްޓްރީން ގައިޑްލައިންތަކާއި އެއްބަސްވުންތައް ވެސް މިހާތަނަށް ފޮނުވާ ކަމަށާއި މިފަހަރު އަދި އެ ލިޔެކިޔުންތައް ވެސް ނުލިބޭ ކަމަށް ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، ހައްޖުގެ އަޅުކަމަށް މިހާ ކުޑަތަންވެފައި އޮތަސް، ފުރުސަތު ލިބިއްޖެ ނަމަ ރާއްޖެ އިން ހައްޖަށް މީހުން ފޮނުވާނެ އެވެ. ހައްޖަށް މީހުން ފޮނުވުމަށް އާންމުކޮށް ސައުދީން 1،000 ޖާގަ ދެ އެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން ހައްޖަށް ފޮނުވަނީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ބާކީ 50 ޕަސެންޓް ކޯޓާ ބަހާލަނީ ހައްޖަށް މީހުން ގެންދާ އަމިއްލަ ކުންފުނިތަކުގެ މެދުގަ އެވެ.

އާންމުކޮށް ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ އަމިއްލަ ކުންފުނިތަކަށް މި ރޯދަމަހުގެ ކުރިން ފުރުސަތު ހުޅުވައިލަނީ އެ މީހުން ގެންދާ މީހުންގެ އިންތިޒާމުތައް ކުރިން ހަމަޖެއްސުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިއަހަރު އެކަމަކު ފުރުސަތު ވެސް ހުޅުވައެއް ނުލަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސައުދީން ވަކި ގޮތެއް އަންގާފައި ނުވާތީ، ސައޫދީގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ފޮރިން މިނިސްޓްރީއާއެކު މަޝްވަރާކުރާނެ ކަމަށާއި މި ހަފުތާގެ ތެރޭގައި އެކަމުގެ މައުލޫމާތު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ނިމިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ ވަރުގަދަ ފިޔަވަޅުތަކަކާ އެކު އެވެ. ހައްޖުވެރިންނަށް މާސްކް އެޅުން މަޖުބޫރުކޮށް، ގައިދުރުކަން ބަހައްޓަން ޖެހުނެވެ. ކޮންމެ ހައްޖުވެރިއެއްގެ އަތުގައި އިލެކްޓްރޯނިކް ބޭންޑެއް ވެސް އެޅުވި އެވެ. އޭގެ ސަބަބުން ހައްޖުވެރިންގެ ހަރަކާތްތައް، ރަސްމީ ފަރާތްތަކަށް ދެނެގަނެވެ އެވެ. ހައްޖުވެރިންގެ ހުން ބަލައި، އެ މީހުންގެ ދަބަސްތައް ޑިސްއިންފެކްޓްކުރެ އެވެ. އަދި ހަރަމްފުޅު ސާފުކޮށް ޑިސްއިންފެކްޓް ކުރަމުންދިޔަ އެވެ. އަދިި އެއްވެސް ހައްޖުވެރިޔަކަށް ގެފުޅުގައި އަތްލަން، ފުރުސަތު ދީފައެއް ނުވެ އެވެ.