ބޮލީވުޑްގެ ސުޕަސްޓާރު ގޯވިންދާއާއި އޭނާގެ އަނބިމީހާ ސުނީތާ އަހޫޖާގެ ކައިވެންޏަށް ގާތްގަނޑަކަށް 40 އަހަރުވެފައިވާއިރު، އެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ ވާހަކަ މިހާރު ވަނީ އަނެއްކާވެސް ތިލަވެފަ އެވެ.

ރިއަލިޓީ ޝޯ "ލޮކް އަޕް ސީޒަން 2"ގެ ކޮންޓެސްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ސުނީތާ ވަނީ ގޯވިންދާގެ ބޭވަފާތެރިކަމުގެ ހަބަރުތަކާ މެދު އޭނާ ދެކޭގޮތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކޮށްފަ އެވެ.

ޝޯގެ އެޕިސޯޑެއްގައި ކޮންޓެސްޓަންޓް ޝްރެޔާ ކަލްރާ، ސުނީތާއާ ސުވާލުކުރީ ކުރީގެ އިންޓަވިއުއެއްގައި ކައިވެނީގައި ބޭވަފާތެރި ވުމުން ލިބުނު ދެރައާ ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކަށެވެ.

"ކަމެއް ވެއްޖެއްޔާ ދެން މިހާރު ކުރެވޭނެ ކަމެއް ނެތެއްނު؟ މިއީ ފެށުނީއްސުރެންވެސް ހިނގާ ކަމެއް. އޭނާއަކީ ހީރޯއެއް (އެކްޓަރެއް)، އެހެންވީމާ އެއްޗެކޭ ނުބުނެވޭނެ. މި އުމުރުގައި މިހާރު އެކަންކަމާ ވިސްނަން އުޅެފިއްޔާ މަގޭގެ ޑައިބެޓީސް (ހަކުރު ބަލި) އިތުރަށް މަތިވާނީ. އެހެންވީމާ ކަންކަން ދާ ގޮތަށް ދާން ދޫކޮށްލާފައިވަނީ. ސުނީތާ ބުންޏެވެ.

"މީހަކު ހުއްޓުވޭނީ ކިހިނެއް؟" ގޯވިންދާ އަދިވެސް އެފަދަ ގުޅުންތައް ބާއްވާ ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން ސުނީތާ ބުނީ މީހަކު ކުރާ ކަމެއް ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "

އަހަރެން 24 ގަޑިއިރު އޭނާގެ ކުރިމަތީގައި އިށީނދެގެން އިނދެވޭނެތަ؟ އެހެން ހަދައިފިއްޔާ އަނެއް މީހާވެސް ފޫހިވާނެ. އެހެންވެ އަހަރެން މިހާރު އެކަމާ ނުވިސްނަން. އަހަރެން ދިރިއުޅެނީ މަގޭގެ ދަރިންނަށްޓަކައި،" ސުނީތާ ކިޔައިދިނެވެ.

ސުނީތާ އިތުރަށް ހާމަކުރި ގޮތުގައި އެމީހުންގެ މިހާރު ދެ ގެ ހުރެ އެވެ. ގޯވިންދާގެ ގެއަށް ވަރަށް ގިނަ މީހުން ޒިޔާރަތްކުރާއިރު، އޭނާގެ އަމިއްލަ ގެއިން ބޭނުންވަނީ މިނިވަންކަމާއި "ޕްރައިވެސީ" ކަމަށް ސުނީތާ ބުންޏެވެ. އަދި އާ ލޯތްބެއް ހޯދުމުގެ އެއްވެސް ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

1987 ގައި ކައިވެނިކުރި މި ދެމަފިރިންގެ ދެ ކުދިން (ޓީނާ އަދި ޔާޝްވަރުދަން) ތިބިއިރު، ފާއިތުވި 2025 ވަނަ އަހަރަކީ އެމީހުންގެ އާއިލީ ދިރިއުޅުމަށް ވަރަށް ތޫފާނީ އަހަރެކެވެ.

ގޯވިންދާ (63 އަހަރު) ޒުވާން މަރާޓީ އެކްޓްރެސްއަކާ ގުޅުމެއް ބާއްވާ ކަމުގެ އަޑުތައް ފެތުރުމުން، ސުނީތާ ކުރިން ބުނެފައިވަނީ މި އުމުރުގައި "ޝުގަ ޑެޑީ" އަކަށް ވާން އުޅުން ބަލައިނުގަނެވޭނެ ކަމަށެވެ.

ނަމަވެސް، މިހާރު ސުނީތާ ހުރީ ކަންކަމާ މާ ބޮޑަށް ދެރަވެ ލޭގެ ހަކުރު މަތިކުރާ ގޮތަކަށް ނޫނެވެ. އޭނާ އިސްކަންދެނީ އަމިއްލަ ސިއްހަތަށާއި ދަރިންނަށެވެ.