މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް އަރުވައިފި އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މި އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
މަރުކަޒީ ބޭންކުން ބުނީ އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދޭން ފެށި މި އެވޯޑްތަކަކީ، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑްތަކެއް ކަމަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" ކެޓަގަރީއިން އެވޯޑް ދެނީ، ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތައް ބޭނުންކޮށްގެން މާލީ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންގެ ތަޖުރިބާ އާއި، ހިދުމަތް ދިނުމުގެ ހަލުވިމިނާއި، މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، މުޅި މާލީ ބާޒާރު ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށެވެ.
އެގޮތުން ބީއެމްއެލްއަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިން ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުންދާ އިސް ދައުރުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެވޯޑް ޕެނަލުން ފާހަގަކުރި ގޮތުގައި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީއަށް ބިނާވެފައިވާ މާލީ ހައްލުތައް ހޯދައިދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ސަބަބުން، ކަސްޓަމަރުން ބޭންކިން ހިދުމަތް ހޯދާ އަދި ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލް ބޭންކިން އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު ބަޔަކަށް ވަނީ ވެފައެވެ. އެގޮތުން މޮބައިލް ބޭންކިން އެޕްލިކޭޝަންތަކާއި، އިންޓަނެޓް ބޭންކިން، ސެލްފް ސާވިސް ބޭންކިން އަދި ޑިޖިޓަލް ޕޭމަންޓް ހިދުމަތްތަކުގެ ސަބަބުން، ބޭންކުގެ ބްރާންޗުތަކަށް ދިއުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު މާލީ މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ރަށްތައް ވަކިވަކިން އޮތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި ޑިޖިޓަލް މާލީ ހިދުމަތްތަކުގެ ދައުރު ބޮޑެވެ. މި ހިދުމަތްތަކުގެ ސަބަބުން އެކި ރަށްރަށުގައި ދިރިއުޅޭ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ ހިދުމަތްތައް ހަލުވިކަމާއެކު ލިބިގަތުމަށް ވަނީ ފަސޭހަވެފަ އެވެ.
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށް
ބީއެމްއެލް އިން އެމެކްސް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް