ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ. މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިގޮތުން މި ޚިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، 5 ދުވަސްތެރޭގައި ފައިނޭންސިންގ ލިބޭނެ ގޮތަށް މިވަނީ ބަދަލުކޮށްފަ އެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.
"ފައިނޭންސިން އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގ ގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މަރޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަހަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން." ޝަރީފް ވިދާޅުވި އެވެ.
މި ފައިނޭންސަށް އެދި ހުށަހެޅޭނީ، ބީއެމްއެލް މަރޗަންޓް ޚިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެއެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންގ އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފަ އެވެ.
މި ޚިދުމަތަށް އެދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި ބަދަލުތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ، ވިޔަފާރިތައް ދިގުމުއްދަތަކަށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
10 މީހުންނާއެކު ބޮސްނިއާ ބަލިކޮށް އެމެރިކާ ގަދަ 16 އަށް
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
ސިނގިރެޓުން ޑިއުޓީ ކަނޑާލާ ގާނޫނަށް އަމަލުކުރަން ފަށައިފި
