ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ޖާގައެއް ފުރަތަމަ ފަހަރަށް ހޯދައި، މިސްރުން ހޯދި ކާމިޔާބީ އެ ޓީމުގެ ކޯޗު ހޮސާމް ހަސަން ހާއްސަކުރީ ފަލަސްތީނުގެ ރައްޔިތުންނަށެވެ.

ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެ، މިސްރުން ގަދަ 16ގެ ޖާގައެއް ހޯދިއިރު، މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން މިސްރު މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ވާހަކަދައްކަމުން ހޮސާމް ބުނީ މިސްރުގެ ޓީމުން ހޯދި ކާމިޔާބީ އޭނާ ހާއްސަކުރީ މިސްރުގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށެވެެ.

"މާތްﷲ (ފަލަސްތީނަށް) ނަސްރު ދެއްވާށި. ފަލަސްތީނުގެ ޝަހީދުންނަށް ހެޔޮ ރަހުމަތްލައްވާށި،" ހޮސާމް ބުންޏެވެ. "އަހަރެން މި ކާމިޔާބީ މި ހާއްސަކުރަނީ މިސްރުގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް. އެއީ އޯގާތެރި، ހެޔޮ ބައެއް."

މިސްރު މެޗުން މޮޅުވުމާއެކު، ހޮސާމް އުފާފާޅުކުރުމަށް ދަނޑަށް އެރީ ފަލަސްތީނުގެ ދިދަ އާއި މިސްރުގެ ދިދަ ހިފައިގެންނެވެ.

ސޯޝަލް މީޑިއާގެ ފަލަސްތީނުގެ ގިނަ ބަޔަކު ދަނީ މިސްރުން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔައި، އުފާފާޅުކުރަމުންނެވެ.

ގާޒާގައި ބޮޑު ސްކްރީންގައި މިސްރުގެ ދިދައާއެކު ފަލަސްތީނުގެ ގިނަ ބަޔަކު މެޗު ބެލުމަށް ތިބި މަންޒަރުވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވެފަ އެވެ.