ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ބާއްވާ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ ހާފްޓައިމް ޝޯއަށް މުޅި ދުނިޔެ މިވަނީ ތައްޔާރުވެފަ އެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ހާފްޓައިމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހާއްސަ މިއުޒިކީ ހަރަކާތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު މިއުޒިކީ ތަރިން އެކީގައި އެއް ޕްލެޓްފޯމެއްގައި ފެނިގެންދާނެ އެވެ.

މި ބޮޑު މިއުޒިކީ ޝޯއިން ފެނިގެންދާނެ ތަރިންގެ ތެރޭގައި ޕޮޕް މިއުޒިކްގެ ރާނީ މެޑޯނާ، ގްލޯބަލް ސުޕަސްޓާރު ޖަސްޓިން ބީބާ، ވޯލްޑް ކަޕް ލަވަތަކުގެ ރާނީ ޝަކީރާ، އެފްރޯ ބީޓްސްގެ ތަރި ބާނާ ބޯއި އަދި ކޭ-ޕޮޕްގެ ދުނިޔެ މަޝްހޫރު ގްރޫޕް ބީޓީއެސް ހިމެނެ އެވެ.

މި ހާއްސަ ޝޯއަކީ އެކި ގައުމުތަކާއި ތަފާތު މިއުޒިކީ ވައްޓަފާޅިތައް އެއްތަނަކުން ފެނިގެންދާނެ ތާރީހީ ހުށަހެޅުމެކެވެ. ޕޮޕް، އާރްއެންބީ، އެފްރޯބީޓްސް އަދި ކޭ-ޕޮޕް އެކުވެގެންދާއިރު، މުޅި ސްޓޭޑިއަމް ގުގުމާލާނެ އެވެ.

ހާއްސަކޮށް، ވޯލްޑް ކަޕްގެ ތާރީހުގައި "ވަކާ ވަކާ" ފަދަ މެގާ ހިޓް ލަވަތަކުން އާންމުންގެ ހިތްތައް އަތުލި ޝަކީރާ އަލުން ވޯލްޑް ކަޕްގެ މައިދާނަށް އެނބުރި އައުމަކީ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ސަޕޯޓެއް އޮންނަ ބީޓީއެސްގެ މެންބަރުން އެކީގައި ފީފާ ވޯލްޑް ކަޕްގެ ފައިނަލް ސްޓޭޖުން ފެނިގެން ދިއުމަކީ މި ޝޯގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމެކެވެ.

މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެމެރިކާގެ މަޝްހޫރު "ސުޕަ ބޯލް" ހާފްޓައިމް ޝޯއާ ވާދަ ކުރެވޭނެ ފަދަ ބޮޑު އަދި ފެންވަރު ރަނގަޅު ހުށަހެޅުމެއް ތައްޔާރުކުރާ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިލިއަނަކަށްވުރެ ގިނަ ބެލުންތެރިން މި މެޗާއި ހާފްޓައިމް ޝޯ ވަގުތުން ބަލާނެ ކަމަށް ލަފާކުރެވެ އެވެ.

މިއުޒިކީ ދާއިރާގެ މާހިރުން ސިފަކުރާ ގޮތުގައި، މިއީ ހަމައެކަނި ކުޅިވަރު ހަރަކާތެއްގެ މެދު ތެރެއިން ބާއްވާ ޝޯއެއް ނޫނެވެ. މިއީ ދުނިޔޭގެ މިއުޒިކީ ތާރީހުގައިވެސް ރަން އަކުރުން ފެވިގެންދާނެ ފަދަ ބޮޑު އީދެކެވެ.