ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަން މަރުވިތާ 17 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، އޭނާގެ މަގުބޫލުކަމާއި ތާރީޚީ ރެކޯޑުތައް މުގުރާލުމުގެ ސިލްސިލާއަކަށް ބަދަލެއް ނާދެ އެވެ.
މައިކަލްގެ ހަޔާތުގެ މައްޗަށް އުފައްދައި، އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށްފައިވާ "މައިކަލް" ފިލްމު މިވަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައި، ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ”ބަޔޯޕިކް“ގެ މަގާމު ހޯދާފަ އެވެ.
މި ބޮޑު ކާމިޔާބީއާއެކު "މައިކަލް" ވަނީ މީގެ ކުރިން މި ރެކޯޑު މުގުރާލާފައިވާ މަޝްހޫރު ފިލްމުތައް ކަމަށްވާ "ބޮހީމިއަން ރެޕްސޮޑީ" (911 މިލިއަން ޑޮލަރު) އަދި ކްރިސްޓޮފާ ނޯލަންގެ "އޯޕަންހައިމާ" (977 މިލިއަން ޑޮލަރު) ފަހަތަށް ޖައްސާލާފަ އެވެ.
ހޮލީވުޑްގެ ބޮޑެތި ސްޓޫޑިއޯތަކުން މި ފިލްމު އުފެއްދުމަށް ދެކޮޅުހެދި ނަމަވެސް، މި ފިލްމު އުފެއްދުމުގެ ރިސްކު ނެގީ މިނިވަން ސްޓޫޑިއޯއެއް ކަމަށްވާ ”ލަޔަންސްގޭޓް“ އިންނެވެ.
ޔުނިވާސަލް ޕިކްޗާސް އަދި ކީނޯ ފިލްމްސްއާ ގުޅިގެން ނެރުނު މި ފިލްމަކީ، މިނިވަން ސްޓޫޑިއޯއަކުން އުފައްދައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމެވެ.
ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުން މާ ބޮޑު ތަރުޙީބެއް ލިބިފައެއް ނުވެ އެވެ. ރޮޓެން ޓޮމޭޓޯސްގައި އެ ފިލްމުގެ ރޭޓިން 40 ޕަސެންޓްގައި އުޅުނު ނަމަވެސް ފިލްމު ބެލި ބެލުންތެރިން ވަނީ 97 ޕަސެންޓްގެ ބޮޑު ތަރުޙީބެއް ދީފަ އެވެ.
މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލުން ފެނިގެންދަނީ އޭނާގެ އަމިއްލަ ބޭބެގެ ދަރިފުޅު ޖާފަރު ޖެކްސަން އެވެ. މިއީ ފިލްމީ ދާއިރާއަށް އޭނާ ތައާރަފްވި ފުރަތަމަ ފިލްމަށްވީ ނަމަވެސް، އޭނާގެ މޮޅު އެކްޓިންއަށް ބެލުންތެރިންގެ ބޮޑު ތައުރީފެއް ވަނީ ލިބިފަ އެވެ. ފިލްމު ސިނަމާތަކުގައި ދެއްކި ފުރަތަމަ ހަފްތާ ބަންދުގައި އެކަނިވެސް 217 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ.
މި ފިލްމުގައި ސިފަކޮށްދެނީ މައިކަލް ޖެކްސަންގެ އަމިއްލަ ދިރިއުޅުމާއި މިއުޒިކީ ކެރިއަރުގެ ކުރިއެރުމުގެ އިތުރުން، އޭނާގެ އާއިލީ ގުޅުންތަކާއި، ލިބުނު ކާމިޔާބީތަކާއި ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ އެވެ.
މައިކަލްގެ ކުޑައިރުގެ ރޯލު ޖުލިއާނޯ ކްރޫ ވަލްޑީ ކުޅެފައިވާއިރު، މައިކަލްގެ ބައްޕަ ޖޯ ޖެކްސަންގެ ރޯލުން ކޮލްމަން ޑޮމިންގޯ އަދި މަންމަ ކެތުރިންގެ ރޯލުން ނިއާ ލޯންގް ފެނިގެންދެ އެވެ.
އޭގެ އިތުރުން "ޖެކްސަން 5" ބޭންޑުގެ ދުވަސްވަރާއި، މައިކަލްގެ މަޝްހޫރު "ތުރިލާ" އަދި "އޮފް ދަ ވޯލް" އަލްބަމްތައް އުފެއްދުމުގައި ހަރަކާތްތެރިވި ކުއިންސީ ޖޯންސް ފަދަ މުހިންމު ޝަހުސިއްޔަތުންގެ ރޯލުތައްވެސް މި ފިލްމުން ފެނިގެންދެ އެވެ.
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިކަން ޓްރަމްޕް އަންގަވައިފި
އެފްޑީސީ ފްލެޓްތަކުގެ އިންޓަނެޓް އެއްބަސްވުމުގައި ޖޫރިމަނާތަކެއް!
އިށީނދެ އިންނަ ގޮތަކުން މައިބަދައަށް ގެއްލުންވޭ!