ކްރިސްޓޮފަރ ނޯލަންގެ އާ ފިލްމު "ދަ އޮޑިސީ" ސިނަމާތަކަށް އައުމާއެކު، ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް މި ފިލްމު ބަލައި، އޭނާގެ ރިވިއު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފި އެވެ.
ހޯމާގެ މަޝްހޫރު ގްރީކް ޅެމަށް ބިނާކޮށް ނޯލަން އުފައްދާފައިވާ މި ފެންޓަސީ އެކްޝަން ފިލްމުގެ ހާއްސަ ސްކްރީނިންގްއެއް ބެލުމަށްފަހު ޓޮމް ކްރޫޒް ވަނީ ފިލްމުގެ ޓިކެޓް ހިފަހައްޓައިގެން ހުރި ފޮޓޮއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
"ވާވް! ކްރިސް (ނޯލަން)، އެމާ، އަދި ފިލްމުގެ ހުރިހާ މޮޅު ތަރިންނާއި ކުރޫއަށް ސާބަސް. ސިނަމާގައި ވަރަށް ފުރިހަމަ ރެއެއް ހޭދަ ކޮށްލެވިއްޖެ. އަލުން މި ފިލްމު ބަލާލަން ކެތްމަދުވެފައި މިހުރީ!" އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ޓޮމް ކްރޫޒްގެ މި ތައުރީފާއެކު ސޯޝަލް މީޑިއާގައި ފޭނުން ވަނީ ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން އެއް ފޭނަކު ބުނެފައިވަނީ، ހަގީގީ ދިރިއުޅުމުގައިވެސް ނުރައްކާތެރި ސްޓަންޓްތައް ހަދާ ޓޮމް ކްރޫޒް ފަދަ ތަރިއަކު ފިލްމެއް ބަލަން ބުނެފިނަމަ، އެއްވެސް ވިސްނުމެއްނެތި ޓިކެޓް ބުކްކުރަން ޖެހޭނެ ކަމަށެވެ.
ފާޑުކިޔުންތެރިންގެ މެދުގައިވެސް މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މަޝްހޫރު ރިވިއު ސައިޓް "ރޮޓެން ޓޮމާޓޯސް" ގައި މި ފިލްމަށް ވަނީ 96 ޕަސެންޓްގެ މަތީ ރޭޓިންގްއެއް ލިބިފަ އެވެ.
ބޮކްސް އޮފީހުގައި މި ފިލްމު ހުޅުވޭ ހަފްތާ ބަންދުގައި 85 އާއި 95 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ހޯދާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ނޯލަންގެ އެންމެ ފަހުގެ ކާމިޔާބު ފިލްމު "އޮޕެންހައިމާ" އަށްވުރެވެސް މަތީ އަދަދެކެވެ.
ފިލްމުގެ ކާސްޓާއި ވާހަކަ "ދަ އޮޑިސީ" ގައި ލީޑް ރޯލުން ފެނިގެންދަނީ މެޓް ޑޭމަން (ކިންގް އޮޑިސިއަސް) އެވެ. މީގެ އިތުރުން ހޮލީވުޑްގެ ނުފޫޒުގަދަ ބޮޑެތި ތަރިން ކަމަށްވާ ޒެންޑާޔާ، ޓޮމް ހޮލޭންޑް، ރޮބަޓް ޕެޓިންސަން، އޭން ހެތަވޭ އަދި ޗާލީޒް ތެރަން ވެސް މި ފިލްމުން ފެނިގެންދެ އެވެ.
ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޓްރޯޖަން ހަނގުރާމައަށްފަހު، ރަސްގެފާނު އޮޑިސިއަސް އޭނާގެ ގައުމަށް އެނބުރި ދިއުމަށް ކުރާ 10 އަހަރުގެ ދިގު، ނުރައްކާތެރި ދަތުރުގެ މައްޗަށެވެ.
މި ދަތުރުގައި އޭނާއަށް ދިމާވާ އެކި ކަހަލަ މޮންސްޓާސް (ނުރައްކާތެރި މަހުލޫގުން)އާ ހަނގުރާމަ ކުރުމުގެ އިތުރުން، އޭނާގެ އަނބިމީހާ ޕެނެލޮޕީ (އޭން ހެތަވޭ)އާއެކު އޮންނަ ލޯބީގެ ޖަޒުބާތީ ބައިތައްވެސް ފިލްމުގައި ދައްކުވައިދެ އެވެ.
އިޒްރޭލުން އުފައްދާ މުދާ ބެލްޖިއަމްގައި މަނާކުރަނީ
ސާކާގެ ހެޓްރިކާއެކު ފްރާންސް ބަލިކޮށް އިންގްލެންޑަށް ތިން ވަނަ
މިދިޔަ ހަފުތާގައި އަލިފާނުގެ 12 ހާދިސާ ހިނގި: އެމްއެންޑީއެފް