ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކެޑަމީން, އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ބޭންކުގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވާސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކުގެ މުވައްޒަފުންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ އެވެ. މީގެ ތެރޭގައި އެގްޒެކެޓިވް އެޑިއުކޭޝަނާއި، ޕްރޮފެޝަނަލް ސެޓިފިކޭޝަންގެ އިތުރުން މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑާޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް ބޭންކުން މައުލޫމާތުދެ އެވެ.
ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ ހާއްސަ އެކެޑަމީއެކެވެ. މީގެ ކުރިން ވެސް މި އެކެޑަމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ދުނިޔޭގެ ފާހަގަކޮށްލެވޭ މުއައްސަސާތަކާއެކު އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ. އޭގެ ތެރޭގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް އަދި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ ހިމެނެ އެވެ.
ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކެޑަމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މިފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ތިލަފުށީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން
ފައިދާހުރި ޑައިޓަކާއެކު ވެސް އާއްމުކޮށް ހެދޭ 6 ގޯހެއް!
އާޖެންޓީނާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި