ޣައްޒާ (12 މެއި)- ހަމާސް ޖަމާއަތާއި އިޒްރޭލުގެ ސިފައިންނާ ދެމެދު މިހާރު ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގައި އެ ޖަމާއަތުގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަވެފައިވާކަން ހަމާސް އިން ޔަގީން ކޮށްދީފި އެވެ.

ހަމާސް އިން މިކަން ޔަގީން ކޮށްދީފައި މިވަނީ އިޒްރޭލުން ފޮނުވާލި ހަމަލާތަކުގައި އިދިކޮޅު ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުންތަކެއް އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން މީގެ ކުރިން ބުނެފައި ވަނިކޮށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ހަމާސް ޖަމާއަތުގެ 16 އަށްވުރެ ގިނަ ކޮމާންޑަރުން އަވަހާރަވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހަމާސްގެ އިސް ކޮމާންޑަރުންތަކެއްގެ އިތުރުން ހަތިޔާރު އުފެއްދުމުގައި ހަރަކާތްތެރިވާ ކޮމާންޑަރުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަވަހާރަވި ކޮމާންޑަރުންގެ ތެރޭގައި ހަމާސް އިން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ އަސްކަރީ ވެރިޔާ ބައްސާމް އީސާ އާއި އޭނާއަށް ވާގިވެރިވާ އިތުރު ކޮމާންޑަރުންތަކެއް ހިމެނޭ ކަމަށް އިޒްރޭލުން ނެރުނު ބަޔާނެއްގައިވެ އެވެ. މިއީ 2014 ވަނަ އަހަރަށްފަހު ހަމާސްގެ އިސް ކޮމާންޑަރެއް އިޒްރޭލުގެ ހަމަލާތަކުގައި އަވަހާރަވި ފުރަތަމަ ފަހަރެވެ.

އިޒްރޭލް ސިފައިންނާ ދެކޮޅަށް ހަމާސް އިން މިހާރު ކުރަމުން އަންނަ ޖިހާދުގައި ހަމަލާ ބަދަލުކުރުންތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ޝަހީދުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ. -- އަލް އަރަބިއްޔާ