ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބަންގްލަދޭޝްއިން 20،000 ގަސް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފި އެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން ރާއްޖެއަށް 10 ގަސް ހަދިޔާކުރައްވައި އިތުރު 20،000 ގަސް ހަދިޔާކުރައްވާނެކަން ހާމަކުރެއްވީ އިއްޔެ އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ހެނދުނު ހެންވޭރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުގެ ރަހުމަތްތެރިކަން ރަމްޒުކޮށްދޭ 10 ގަސް ހަދިޔާކުރައްވާފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް28 ސަމިޓުގައި އިއުލާނު ކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އިތުރު 20،000 ގަސް ހަދިޔާކުރަން ނިންމާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވަނީ ބަންގްލަދޭޝް ސަރުކާރުގެ މި ނިންމެވުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޖޫން 2024 ގައި ފެށި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ގަސް އިންދާފައިވާއިރު، ބަންގްލަދޭޝްގެ މި އެހީއަކީ ތިމާވެށި ހިމާޔަތްކުރުމަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.