ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންއާ ދެކޮޅަށް ތައްޔާރު ކުރަމުންދާ ކަމަށް ބުނާ "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ފިލްމުގެ ޓީޒާ އަދި އިޝްތިހާރުތައް ސޯޝަލް މީޑިއާއިން ނެގުމަށް ދިއްލީ ހައިކޯޓުން އަމުރު ކޮށްފި އެވެ.
ސަލްމާންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މިއީ 1998 ވަނަ އަހަރު ހިނގި ބްލެކް ބަކް މެރުމުގެ ހާދިސާއާ ގުޅުވައިގެން، އޭނާގެ އަބުރު ކަތިލުމުގެ ނިޔަތުގައި ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށެވެ.
މައްސަލަ ބެއްލެވި ޖަސްޓިސް ޖޯތީ ސިންގް ވަނީ ފިލްމު އުފައްދާ ފަރާތުން އަމިއްލައަށް ޓީޒާ ނުނަގައިފިނަމަ، އެކްސް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކަށް އަންގައިގެން އެ ވީޑިއޯތައް ނަގާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ކޯޓުގައި ޓީޒާ ބެއްލެވުމަށްފަހު ފަނޑިޔާރު ވަނީ ފިލްމުގެ ޕްރޮޑިއުސަރު އަމިއްލައަށް ގާނޫނަށްވުރެ މަތީގައި ހުރި މީހެއްކަމަށް ދެކޭ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަބުރަކީ ވަރަށް ބޮޑު މަސައްކަތުން ބިނާކުރެވޭ އެއްޗެއް. އެއްފަހަރު އަބުރު ގެއްލިއްޖެނަމަ އެއީ އަނބުރާ ހޯދޭނެ އެއްޗެއް ނޫން. މިއީ އާދައިގެ އާންމު ރައްޔިތަކާމެދުވެސް ކަން ކުރެވޭނެ ގޮތެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.
ފިލްމުގެ ޓީޒާގައި ސަލްމާންގެ ނަން ސީދާ ބޭނުން ކޮށްފައި ނުވިނަމަވެސް، އޭނާއާ ވައްތަރު އެކްޓަރަކު ބޭނުންކޮށް، ސަލްމާން އަޅާ ކަހަލަ ކެވެއްޔެއް އެޅުވުމުގެ އިތުރުން، އަންޑަވޯލްޑްއާ އޭނާއާ ގުޅުން ހުރިކަން ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ސަލްމާންގެ ގާނޫނީ ޓީމުން ބުނެ އެވެ.
ފިލްމު އުފައްދާ ފަރާތުން ބުނަނީ މިއީ ބިޝްނޯއީ އާއިލާއިން ދިރުންތައް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް ތައްޔާރުކުރާ ފިލްމެއް ކަމަށާއި، ސަލްމާންގެ ޝަޚްސިއްޔަތަށް އުނިކަމެއް ނުލިބޭ ކަމަށެވެ.
ސަލްމާންގެ ވަކީލުން ފާހަގަކުރި ގޮތުގައި ބްލެކް ބަކް މެރުމުގެ މައްސަލައިގެ ތެރެއިން ތިން މައްސަލައަކުން ސަލްމާން ވަނީ ބަރީއަވެފަ އެވެ.
އެއާއެކު މިހާރު ވެސް ހިނގަމުންދާ މައްސަލައަކާ ގުޅުވައިގެން މިފަދަ ފިލްމެއް އުފެއްދުމަކީ އޭނާއަށް ލިބެންޖެހޭ އިންސާފުވެރި ޝަރީއަތުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މި ނިންމުމާއެކު ދިއްލީ ހައިކޯޓުން ވަނީ "ކާލާ ހިރަން" ފިލްމާ ގުޅޭ ހުރިހާ ޕްރޮމޯޝަނަލް ކޮންޓެންޓެއް ސޯޝަލް މީޑިއާއިން ވަގުތުން ނެގުމަށް އަންގާފަ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް އައްޔަނުކޮށްފި
ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަންނަން އަންގައިފި