4 އަހަރާއި 2 މަސް (50 މަސް)ގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެމެރިކާގެ މަޝްހޫރު ހިޕްހޮޕް މިއުޒިކް މޯގުލް ޝޯން "ޑިޑީ" ކޯމްބްސް (56 އަހަރު) ޖަލުން މިނިވަންވާނެ ކަމަށް ކުރިން ލަފާކުރި ތާރީހު އަވަސްވެ، އޭނާ މިނިވަންވާނެ އާ ތާރީހެއް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް ޕްރިޒަންސް އިން އާއްމު ކޮށްފި އެވެ.

ފެޑެރަލް ޖަލުތަކާ ބެހޭ އިދާރާގެ އެންމެ ފަހުގެ ރެކޯޑު ތަކުން ދައްކާ ގޮތުގައި، ޑިޑީ މިހާރު ޖަލުން މިނިވަންވާނެ ކަމަށް ބެލެވެނީ 2028 ވަނަ އަހަރުގެ ޖަނަވަރީ 24ގަ އެވެ.

ކޯޓުން ހުކުމް ކުރިއިރު އޭނާ މިނިވަންވާނެ ކަމަށް ބެލެވުނު ތާރީހަކީ 2028 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ތަފާތު ސަބަބުތަކާ ހުރެ އޭނާގެ މިނިވަންވާ ތާރީހަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

އެގޮތުން ޑިޑީ ދަނީ ނިއު ޖާސީގެ "އެފްސީއައި ފޯޓް ޑިކްސް" ޖަލުގައި ކުރިއަށްދާ "ރެސިޑެންޝަލް ޑްރަގް އަބިއުސް ޕްރޮގްރާމް"ގައި ބައިވެރި ވަމުންނެވެ. އެމެރިކާގެ ފެޑެރަލް ގާނޫނުތައް ބުނާގޮތުން، މިފަދަ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރާ ކުށްވެރިންގެ ހުކުމުން ވަކި މުއްދަތެއް އުނިކޮށްދެ އެވެ.

ޖަލުގައި ހުންނަ މުއްދަތުގައި އަހުލާގީ ގޮތުން ރަނގަޅު އުޅުމެއް ބެހެއްޓުމުންނާއި، ޖަލުން ހިންގާ ތަފާތު އިސްލާހީ ހަރަކާތްތަކުގައި ބައިވެރިވުމުން ލިބޭ ކްރެޑިޓްތަކުގެ ސަބަބުން ހުކުމް އަވަސްވެގެންދެ އެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހައްޔަރު ކުރެވުނު ދުވަހުން ފެށިގެން ހުކުމް ކުރެވުނު ދުވަހާ ހަމައަށް ޖަލުގައި ހޭދަކުރި މުއްދަތު އޭނާގެ މުޅި ހުކުމުން ވަނީ އުނި ކޮށްދީފަ އެވެ.

ޖަލުން މިނިވަންވާ ތާރީހު އަވަސްވި ނަމަވެސް، ޑިޑީގެ ގާނޫނީ ޓީމުން ދަނީ އޭނާގެ މައްޗަށް ކުރެވުނު ހުކުމް އުވާލުމަށްޓަކައި އެމެރިކާގެ ކޯޓް އޮފް އެޕީލްސްގައި އިސްތިއުނާފު މަރުހަލާ ކުރިއަށް ގެންދަމުންނެވެ.

އޭނާގެ ވަކީލުން ބުނަމުންދަނީ އޭނާގެ މައްޗަށް ޤާނޫނު މާނަ ކޮށްފައިވަނީ ނުބައިކޮށް ކަމަށާއި، އޭނާ ވަގުތުން ޖަލުން މިނިވަން ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ޖިނާއީ ހުކުމުގެ އިތުރުންވެސް، ޑިޑީގެ މައްޗަށް މަދަނީ (ސިވިލް) ގޮތުން ކުރެވިފައިވާ 70 އަށްވުރެ ގިނަ ދައުވާގެ މައްސަލަތައް ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ.