ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރޮނަލްޑީނިއޯ ރާއްޖެ އައިސް ސޮނޭވާ ޖާނީގައި ބާއްވަން ހަމަޖެއްސި ފުޓްބޯޅަ ކޭމްޕް މޫސުމް ގޯސްވުމުން ކެންސަލްކޮށް މިއަދު ފުރައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުން ރޮނަލްޑީނިއޯ ރާއްޖެ އައީ އިއްޔެ މެންދުރު ގަތަރު އެއާވޭސް އިންނެވެ. އަދި ރާއްޖެ އައިއިރު މޫސުމް ގޯސްވެގެން ރިސޯޓަށް ނުދެވި، އެއާޕޯޓު ލައުންޖްގައި މަޑުކުރުމަށްފަހު ރޭ މަޑުކުރީ މާލޭގައި ހުންނަ މާގިރި ހޮޓަލުގަ އެވެ. އަދި މިއަދު ވެސް މޫސުމް ތަން ނުދިމުން އޭނާ ވަނީ އެމިރޭޓްސް އިން ދުބާއީއަށް ފުރައިފަ އެވެ.

ސޮނޭވާގައި އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެއްސި އެ ފުޓުބޯޅަ ކޭމްޕް ބާއްވާކަން ރިސޯޓުގެ ގެސްޓުންނަށް ވަރަށް ބޮޑަށް އިސްތިހާރުކޮށް ހެދި އެވެ.

ދުނިޔެ ދުށް އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނަލްޑީނިއޯ އާއެކު ރިސޯޓުން ކުރިޔަށް ގެންދަން ނިންމީ 90 މިނެޓްގެ ކޭމްޕެކެވެ.

ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރޮނަލްޑީނިއޯ ރާއްޖެ އައިސް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ލައުންޖުގައި މުވައްޒަފަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން. ފޮޓޯ | ހުރިހާ

މި ކޭމްޕްގައި ބައިވެރިވުމަށް ކޮންމެ ކުއްޖަކަށް 1،500 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި އެ ކޭމްޕަށް ލިބޭ ފައިސާގެ 100 ޕަސެންޓް ހޭދަކުރަން ނިންމާފައި އޮތީ ޗެރިޓީއަކަށެވެ.

ރޮނަލްޑީނިއޯއާ އެއާޕޯޓުން ދިމާވި މީހަކު ބުނީ އޭނާ އަލުން އެނބުރި އަންނާނެ ކަމަށް ބުނި ކަމަށެވެ. އަދި ރާއްޖެއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ރޮނަލްޑީނިއޯ ބުނި ކަމަށް ވެސް އެ މީހާ ބުންޏެވެ.