ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާކަމަށް ތިނެއް ނޮވެމްބަރު 1988 ގެ ހަމަލާއަށް ފަހު ދެވަނައަށް ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ ކުރީގެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު އަވަހާރަކޮށްލަން ދިން ހަމަލާ އެވެ.

ދެވަނަ ހަމަލާއަކީ ވެސް ފުރަތަމަ ހަމަލާ ފަދައިން ޓެރަރިޒަމްގެ ނުރައްކަލުން ރާއްޖެއަށް އަދިވެސް އަދި މިންޖުވެފައި ނުވާކަން އެނގިހާމަވެގެންދާ ހަމަލާ އެކެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ހަނި ގޮތަކަށެވެ. އެ މަނިކުފާނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ޑޮކްޓަރުން ވަނީ ކިޔައިދީފަ އެވެ.

ފުރަތަމަ ހަމަލާއަށްފަހު ދެ ވަނަ ހަމަލާގެ މިސްރާބު މިހާރު ބަދަލުުވެފައި ވަނީ ސިޔާސީ މިސްރާބަކަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިންކަން މީޑިއާތަކުގައި ރިޕޯޓުކުރުމާއެކު އެންމެ ފުރަތަމަ ވެސް އާންމުން އެއްވެ ގޮވާލީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށެވެ.

މީގެ ތެރެއިން އެންމެ ގަދައަށް ދެކެވެނީ އެމްޑީޕީގެ "މަންމަ" ކަމަށް ބުނާ މާރިޔާގެ އިސްތިއުފާ އަޑެވެ. އެކަމުގެ ސަބަބު ވެސް މިހާރު ވަރަށް ސާފެވެ. ނަޝީދަށް ޓެރަރިސްޓު ހަމަލާދިނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް އަދި އެ ނޫން ވެސް ގޮތަކުން ވެސް ލިބިފައި ނެތް ކަމަށެވެ.

ހަމަލާގެ މައުލޫމާތު ކުރިން ލިބިފައި ނެތް ކަމަށް ބުނެ މާރިޔާ ހެއްދެއްވީ އިތުރުފުޅެއްކަން މިހާރު ވަރަށް ސާފެވެ.

މާރިޔާ ހެއްދެވީ އިތުރުުފުޅެއްކަން ސާބިތުވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ސަބަބުންނެވެ. އިލްޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ނަޝީދަށް ހަމަލާދޭން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ލިބުން އެކަން މާރިޔާއަށް ހިއްސާކުރި ކަމަށެވެ. އަދި ނަޝީދާ ވެސް ހިއްސާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވެފައިވާ ގޮތުންނަމަ އިިލްޔާސްގެ ފަރާތުން އެ މައުލޫމާތު ލިބިފައި ނުވެ އެވެ. މިއަދު އިލްޔާސް ވަނީ ފުލުހުންނަށް ބަޔާން ވެސް ދެެއްވައިފަ އެވެ.

މިއާއެކު ނަޝީދުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ މެމްބަރުން ގެންދަނީ ތަކުރާރުކޮށް މާރިޔާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. ފާއިތުވި ތިން ދުވަހުގެ ތެރޭގައި މުޅީން ހެން އެމްޑީޕީ ސަޕޯޓަރުން ކުރިކަމަކީ މާރިޔާގެ އިސްތިއުފާއަށް ގޮވާލުމެވެ. އާއްމު ގޮތެއްގައި ވަރަށް އަވަހަށް އާއްމުންގެ ޝުއޫރުތަކަށް ޖަވާބުދާރީ ވެޑައިގަންނަވާ މާރިޔާ މިފަހަރު އެކަމަނާ ނިސްބަތްވާ ޕާޓީގެ ސަޕޯޓަރުންގެ އާދޭހަށް ދެނީ ބީރު ކަންފަތެވެ.

މާރިޔާގެ އިސްތިއުފާއަށް ގޮވާލާ މީހުންގެ ތެރޭގައި ނަޝީދުގެ ދަރިފުޅު މީރާ ނަޝީދު ވެސް ހިމެނެ އެވެ. އެހެންކަމުން މިފަހަރު މާރިޔާ ބެދެން މިދާ މަޅިން ސަލާމަތް ވެވޭނީ މޮޅު ކުޅިގަނޑެއް ކުޅެގެން ވަރަށް ހަނިކޮށެވެ.

ރައީސް ސޯލިހު އަކީ ވަރަށް ކެތްތެރި ބޭފުޅެކެވެ. ރައީސް ސޯލިހު ވަނީ މީގެ ކުރިން ވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވި ވަޒީރުން ވަރަށް ހިކުމަތްތެރިކަމާއެކު މަގާމުން ވަކިކޮށްފަ އެވެ. އެހެންކަމުން މާރިޔާގެ ދުވަސް ވެސް ކައިރިވަނީ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.