ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި އޭނާ ކުށްވެރިވެ ޖަލަށްލާނަމަ، ރައީސް މުހައްމަދު މުއިއްޒުވެސް އޭނާއާއެކު ޖަލަށްލާންޖެހޭނެ ކަމަށް ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ސައުދު ވިދާޅުވީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ފުރިހަމައަށް ދިނީ މި ސަރުކާރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި ސަރުކާރުން އެކަން ކުރަންވާނީ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށް ދެކޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ތިނަދޫ ސިޓީ ކައުންސިލްގެ އިންތިހާބު ބާއްވާފައިވުމަކީ، ގާނޫނީ ހަމަތަކުގެ މަތިން ތިނަދޫ ސިޓީއަކަށް ވެފައިވާކަން މި ސަރުކާރުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ސައުދު ފާހަގަކުރެއްވި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި، އިންތިހާބުގެ ކުރިން އެ މައްސަލަ ބަލައި ފިޔަވަޅު ނޭޅީ އެކަމުގައި ގޯހެއް އޮތް ކަމަށް ރައީސް މުއިއްޒު ގަބޫލުނުކުރައްވާތީ ކަމަށް ސައުދު ވިދާޅުވި އެވެ. އަދި މި ދައުވާތަކުގެ ބޭނުމަކީ ތިނަދޫ މޭޔަރުކަމުގެ ގޮނޑި ޕީއެންސީއަށް ގެއްލުމުން އެ ގޮނޑި އަލުން ހޯދަން މަސައްކަތްކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޭޔަރު ސައުދުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ، ތިނަދޫގެ އާބާދީ 10,000 ފުރިހަމަވާ ކަމަށް ދެއްކުމަށްޓަކައި، މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހިމެނޭ ލިސްޓެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10,150 ކަމަށް ބުނެ ސައްހަ ނޫން ލިސްޓެއް ހިއްސާކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ، ސިޓީގެ ދަރަޖަ ހޯދަން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ފޯރުކޮށްދިނުމަށް ފުލުހުން އެދުމުން، އެފަދަ ލިސްޓެއް ފޮނުވިކަން ރެކޯޑުކުރެވިފައިނުވާ ކަމަށް ބުނެ ފެކްސް މެސެޖަކުން ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ދައުވާގައިވެ އެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.