ގދ. ތިނަދޫ، ސިޓީއެއްގެ ދަރަޖައަށް ބަދަލުކުރުމުގެ ތެރޭގައި ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މޭޔަރު ސައުދުގެ މައްޗަށް އުފުލާފައިވަނީ، ރަސްމީ އިދާރާއަކަށް ދޮގު ބަޔާން ދިނުމުގެ ދައުވާގެ އިތުރުން ސައްހަ ލިޔުމަކަށް ބަދަލު ގެނައުމުގެ ދައުވާ އެވެ. ޝަރީއަތަށް މި މައްސަލަތައް ސާބިތުވެއްޖެ ހާލަތެއްގައި އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ޒާތީ ހަސަދަވެރިކަން އެކުލެވޭ މިފަދަ ދައުވާތަކެއްގެ ސަބަބުން، ތިނަދޫ ސިޓީގެ ކުރިއެރުމަށާއި އެ ސިޓީގެ ރައްޔިތުންގެ ހައްގުގައި މޭޔަރު ސައުދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވައި ނުލެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައިވާ ވެރިންނަށް ބިރުދައްކައި، ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް ބާރުތައް މައި ސަރުކާރުގެ ދަށަށް ޖަމާކުރުމަކީ ގައުމުގެ ތަރައްގީއަށް ފަހަތަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީ 10،000 އަށް އަރާފައިވާކަން ދެއްކުމުގެ ގޮތުން، ސެޕްޓެމްބަރު 4، 2022 ގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސައުދު ވަނީ ސިޓީއަކާއެކު ދޮގު ލިސްޓެއް ހުށަހަޅުއްވާފަ އެވެ. އަދި އެ ލިސްޓުގައި ނިޔާވެފައިވާ މީހުންނާއި، ސައްހަކަން ސާބިތުނުވާ ގިނަ އަދަދެއްގެ ބައެއްގެ މައުލޫމާތު ހިމަނާފައިވާ ކަމަށްވެސް އެ އޮފީހުން ތުހުމަތުކުރެ އެވެ.
މީގެ އިތުރުން، އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހުށަހެޅުމަށް އެލްޖީއޭއިން އެންގުމުން، އޮގަސްޓް 13، 2023 ގައި ސައުދު ސޮއިކުރައްވައި އަލުން ފޮނުވި ލިސްޓުގައި، އެހެން ރަށްރަށުގެ ރައްޔިތުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10،500 ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ފުލުހުންގެ އިދާރާއިން ހިންގި ތަހުގީގަށް، އެކަމާ ގުޅޭ ލިޔެކިޔުންތައް ހިއްސާކުރުމަށް އެދުމުން އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށާއި، އެފަދަ ރެކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ޕީޖީން ވަނީ ފާހަގަކޮށްފަ އެވެ.
ރައީސް އޮފީހުގައި 34 އަހަރު ހިދުމަތްކުރެވި ޝަރީފު އަވަހާރަވެއްޖެ
ސެންކްޝަން ތަކެތި ރާއްޖެއިން އެކްސްޕޯޓު ކުރުން ހުއްޓަން އެދެފި
ސައުދީ ޓޭންކަރަކަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ