ތެހްރާން (16 މެއި) - އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އިންތިހާއަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ޣާނީ ހަމާސް ޖަމާއަތުގެ ލީޑަރު ހަނީޔާ އާ ފޯނުން ގުޅުއްވައި ފަލަސްތީނުގެ މަސްރަހާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި ޣާނީ އާއި ހަނީޔާ އާއި ދެމެދު ދެކެވުނު ވާހަކަފުޅުތަކުގައި ޣާނީ ވަނީ އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކަށް ހަމާސް ޖަމާއަތުން ރައްދު ދެމުން އަންނަ ގޮތަށް ތައުރީފު ކުރައްވާ ސާބަސް ދެއްވާފަ އެވެ.

ހަމާސްގެ މުޖާހިދުން އިޒްރޭލަށް ފޮނުވަމުންދާ ހަމަލާތަކަކީ ރޭވިގެން ކާމިޔާބު ކަމާއެކު ދެމުން އަންނަ ހަމަލާތަކެއް ކަމަށް ޣާނީ ވަނީ ވިދާޅުވެފަ އެވެ.

ހަމަ މިއާއެކު ހަމާސްގެ ލީޑަރު ވެސް ވަނީ އިޒްރޭލާ ދެކޮޅަށް އެ ޖަމާއަތުން ކުރަމުން އަންނަ ޖިހާދުގައި އީރާނުގެ ފަރާތުން ލިބެމުން އަންނަ އެކި އެހީތަކަށް ތައުރީފުކުރައްވައި، ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން އީރާނަކީ ހަމާސްއަށް ހަތިޔާރު ފޯރުކޮށްދޭ މައި އެއް ގައުމެވެ.

އިޒްރޭލުން ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި ޣައްޒާގެ ބައެއް މީޑިއާތަކުގެ އޮފީސް ހިންގަމުން އަންނަ އިމާރާތެއް ވަނީ ބިމާ ހަމަ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ