ޣައްޒާ (16 މެއި) - އިޒްރޭލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ކުށެއް ނެތް އާއްމުންގެ އަދަދު 181 އަށް އަރައިފި ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ބުނެފި އެވެ.
ޝަހީދުވި މީހުންގެ ތެރޭގައި 52 ކުޑަކުދިން ހިމެނޭއިރު، އެކިވަރުގެ އަނިޔާތައް ލިބުނު މީހުންގެ އަދަދު ވެސް 1،225 އަށް އިތުރުވެފައިވާ ކަމަށް ރަސްމީ ރިޕޯޓުތައް ބުނެ އެވެ.
ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާއިރު، މަރުވާ މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އިތުރުވުމަކީ އެ ކަށީގެންވާކަމެއް ކަމަށް އޮފިޝަލުން ބުންޏެވެ.
އިޒްރޭލުން އާދީއްތަ ދުވަހު ފަލަސްތީނަށް ދިން ހަމަލާތަކުގައި އާއްމުންގެ 40 މީހަކު މަރުވެފައިވާއިރު، މިއީ ކުރިމަތިލުންތައް ފެށުނު ފަހުން 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
ޔަހޫދީ އިޒްރޭލުގެ ދައުލަތުން ފަލަސްތީނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ ގިނަ އުމްރާނީ ބިނާތައް ވަނީ ބިނާ ހަމަވެފަ އެވެ. އެގޮތުން އާދީއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާއެއްގައި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ދާން އޮންނަ މަގު ވަނީ ސުންނާފަތި ކޮށްފަ އެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއެކު ފޯނުން ދެއްކެވި ވާހަކަފުޅެއްގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގައި އަމާންކަމާއި ރައްކާތެރިކަން ގާއިމް ކުރެވެން ދެން ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ފަލަސްތީނުގެ އެކި ހިސާބުތަކަށް އަމާޒުކުރުން ކުރިއަށްދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ މާހިރުން ލަފާ ކުރެ އެވެ. --އަލް އަރަބިއްޔާ