ހއ. ހޯރަފުށީގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން، އެ ރަށުގެ ޓޫރިޒަމް ޒޯނުގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހޯރަފުށީ ކައުންސިލުން ހުޅުވާލައިފި އެވެ.

ހޯރަފުށީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ޖުމްލަ ހަ ގެސްޓްހައުސްއެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއަށް ބިންތައް ދޫކުރުމަށް ނިންމާފައިވަނީ އެ ރަށުގެ ބިން ބޭނުންކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުން މި ކަމަށް ހާއްސަކޮށްގެން ހަ ބިމެއް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 1 އޮކްޓޯބަރު 2026 ވާ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ރަޖިސްޓަރީވެ، ބިޑް ޑޮކިއުމަންޓް ގަންނަން ޖެހޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެ އެވެ. ރަޖިސްޓަރީވުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ކައުންސިލުން އާންމުކޮށްފައިވާ ހާއްސަ ގޫގުލް ފޯމެއް މެދުވެރިކޮށެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި މި ފުރުސަތު ހުޅުވާލެވިފައިވަނީ މިފަދަ މަޝްރޫއުތައް ހިންގުމުގެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 12 އޮކްޓޯބަރު 2026 ވާ ދުވަހުގެ ހެނދުނު 11:00 އެވެ. ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ ސީދާ ހޯރަފުށީ ކައުންސިލް އިދާރާގަ އެވެ.

މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށާއި ރަޖިސްޓްރޭޝަނާ ގުޅޭ އެހެނިހެން ކަންކަމުގައި ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް މުއާމަލާތު ކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެ އެވެ.