މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގައި އޮތް ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓް ހިއްސާއާއެކު ބޮޑެތި ލޯނުތަކާއި އިންވެސްޓްމަންޓްތައް ނަގަން ދަތިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އެ ކުންފުނީގެ ހިއްސާ އަނބުރާ ސަރުކާރަށް ގަނެ، ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏަކަށް ހަދަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވީ އިއްޔެ އެވެ.
މި ނިންމެވުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، ކުންފުނީގެ 20 ޕަސެންޓް ހިއްސާ އެހެން ފަރާތެއްގެ އަތުގައި އޮތުމުގެ ސަބަބުން ބޮޑެތި ލޯނުތައް ނެގުމުގައާއި އިންވެސްޓްމަންޓްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. ހާއްސަކޮށް 30 އަހަރުވެފައިވާ ކުންފުނީގެ އިންފްރާސްޓްރަކްޗާ އާކުރުމަށާއި، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ 20 މިލިއަން ޑޮލަރު ފަދަ ފައިނޭންސް ހޯދުމަށް ކުންފުނީގެ އެސެޓް މޯގޭޖްކުރަން ހުރަސްތައް މެދުވެރިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު ކުންފުންޏަށް މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ސައްތައިންސައްތަ ސަރުކާރުގެ ކުންފުންޏަކަށް ބަދަލުވުން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ މި ކުންފުނި ސައްތައިންސައްތަ ސަރުކާރުގެ ކުންފުންޏަކަށް ބަދަލުވުމުން ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
އެމްޑަބްލިޔުއެސްސީގެ 80 ޕަސެންޓު ހިއްސާ ސަރުކާރުގައި އޮތްއިރު، ބާކީ 20 ޕަސެންޓު ހިއްސާ ހިޓާޗީއަށް ވިއްކާލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ޗާގޯސްއާ ގުޅޭގޮތުން މަޝްވަރާކުރަން ރައީސްގެ ދައުވަތު ޔޫކޭއަށް
ސިމްބޮލިކްގެ "ވާނަމަ އިރާދައިގާ"އިން އެންމެން ރޮއްވާލައިފި